އުރްފީ ޖާވޭދްއަކީ އިންޑިއާގެ ނޫސްތަކާއި، އެކި ހަބަރުތަކުގެ ސުރުހީގައި ފަހަކަށް އައިސް ވަރަށް ގިނައިން ފެންނަ ނަމެކެވެ.

އުރްފީއާ ގުޅިގެން އެންމެ ގިނައިން ދެކެވޭ ވާހަކައަކީ އޭނާ ހެދުން އެޅުމުގައި ބަހައްޓާ ވައްޓަފާޅިއާ ގުޅިގެން ދެކެވޭ ވާހަކަތަކެވެ. އެކަމުގެ ސަބަބުން އޭނާއަށް އާންމުންގެ ތެރޭގައި ބޮޑު މަޝްހޫރުކަމެއް ލިބިފައިވާއިރު، އުރްފީއަށް މަލާމާތްކޮށް، ފާޑުކިޔާ މީހުން ވެސް މަދެއް ނޫނެވެ.

އެގޮތުން އިންޑިއާގެ މަހިލާ މޯޗާ ޗިތްރާ ވާގްގެ ސްޓޭޓް ޕްރެޒިޑެންޓާއި ބީޖޭޕީގެ ލީޑަރު ވަނީ އުރްފީގެ ނިވައިކަން ކުޑަ ހެދުން އެޅުމުގެ މައްސަލަ އެ ގައުމުގެ ޕޮލިހަށް ހުށަހަޅާފަ އެވެ.

ނިވައިކަން ކުޑަ ހެދުން ލުމުގެ، ގައުމުގެ ޒުވާނުންނަށް ނުބައި މިސާލެއް ދޭހަވާކަން ފާހަގަކޮށް، އެ މައްސަލަ ހުށަހެޅި ފަރާތުން ވަނީ އެކަމަށް ހައްލެއް ނުގެނެސްފިނަމަ އުރްފީއާ މެދުގައި ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީފަ އެެވެ.

މިކަމަށް ރައްދުދެމުން އުރްފީ ވަނީ، ސިޔާސީ ގޮތުން އެފަދަ ބާރުގަދަ ބަޔަކާއި ދެކޮޅަށް ބަހެއް ބުނެފިނަމަ، އުރްފީ މަރާ ވެސް ލާފާނެ ކަމަށް ބުނެފަ އެވެ. އަދި މިކަމުގެ ސަބަބުން އޭނާއަށް ނަފްސާނީގޮތުން ވަރަށް ބޮޑަށް އަަސަރުކޮށްފައިވާ ކަމަށާއި، ސިޔާސީ ލީޑަރުންގެ ފުށުން މައްސަލައެއް ހުށަހެޅުމުގެ ސަބަބުން އޭނާ އަމިއްލައަށް މަރުވާން ބޭނުންވެފައި ހުރި ކަމަށް އުރްފީ އޭނާގެ އިންސްޓަގްރާމުގައި ބުނެފައިވެ އެވެ.

އުރްފީ، މުސްލިމް އާއިލާއަކަށް ނިސްބަތްވާއިރު، މުސްލިމުންގެ އިތުރުން ވެސް އިންޑިއާގެ އެހެނިހެން ދީންތަކުގެ މީހުން ދަނީ އުރްފީގެ ނިވައިކަން ކުޑަކަމާ ގުޅިގެން ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ނަމަވެސް ފާޑުކިޔާ މީހުންގެ ބަސް އަޑުއެހުމަކީ މުހިންމު ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް އުރްފީ ބުނެފައިވެ އެވެ.