ބޮލީވުޑްގެ މަޝްހޫރު ތަރި އުރްވަޝީ ރައުތެލާ ދަނީ އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިއެއް ކަމަށްވާ ރިޝަބް ޕަންތްއަށް ފާރަލަމުން ކަމަށް އާންމުން ތުހުމަތުކޮށްފި އެވެ.

ކްރިކެޓަރު ރިޝަބް، ކާރު އެކްސިޑެންޓެއްގައި ކަކުލުގެ ލިގަމެންޓަށް އަނިޔާވުމުގެ ސަބަބުން އަމްބާނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާއިރު، އުރްވަޝީ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި އެ ހޮސްޕިޓަލުގެ ބޭރުގެ ފޮޓޯއެއް އާންމުކޮށްފަ އެވެ. އެއާއެކު އުރްވަށީ އެގޮތަށް ފޮޓޯ އާންމުކުރަމުން ދަނީ އާންމުންގެ ސަމާލުކަން ހޯދަން ކަމަށް އެއްބަޔަކު ބުނެފައިވެ އެވެ. އަދި އަނެއް ބަޔަކު ބުނާގޮތުގައި އުރްވަޝީ ދަނީ ކްރިކެޓަރު ރިޝަބަށް ފާރަލަމުންނެވެ.

އުރްވަޝީ އާއި ރިޝަބްއަކީ މީގެ އަހަރުތަކެއް ކުރިން 2018 ވަނަ އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދެ މީހުން ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް ދެމީހުން ވެސް އެކަން އާންމުންނަށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

އޮސްޓްރޭލިއާގައި ބާއްވާ ޓީ20 ކަޕްގައި ކުޅުމަށްޓަކައި ރިޝަބް އޮސްޓްރޭލިއާއަށް ގޮސްފައިވާއިރު، އެ މެޗު ބޭއްވުމަށް ހަމަޖެހުނުތާ އެއް ހަފްތާ ކުރިން އުރްވަޝީ އޮސްޓްރޭލިއާއަށް ދިއުމާ ގުޅިގެން ވެސް އާންމުން އޭނާ، ރިޝަބަށް ފާރަލާކަމުގެ ތުހުމަތުކޮށްފައިވެ އެވެ.

އެހެންނަމަވެސް އާންމުން ކުރާ ތުހުމަތުތައް ދޮގުކޮށް އުރްވަޝީ ވަނީ، އޭނާއަށް ސޯޝަލް މީޑިއާގައި އާންމުން ބުލީކުރާ ކަމަށް ބުނެފަ އެވެ.

ރިޝަބްއަށް ފާރަލުމަށް އޭނާ ދުވަހަކު ވެސް ވިސްނާފައި ނުވާކަން ފާހަގަކޮށް އުރްވަޝީ ބުނީ، އޭނާއާ މެދުގައި އެއްވެސް މީހަކު ނުވިސްނާ ކަމަށެވެ. އަދި އޭނާއަށް އެހީތެރިވާނެ މީހަކު ނެތް ކަމަށާއި، އޭނާ ހިތްވަރުދީ ތަރުހީބު ދޭނެ މީހަކު ވެސް ނެތް ކަމަށް އުރްވަޝީ ބުނެފައިވެ އެވެ.

އުރްވަޝީ އެހެން ބުނުމާއެކު، ފޭނުން ވަނީ އޭނާ ދިފާއުކޮށް ވާހަކަދައްކާފަ އެވެ. އަދި ހިތްވަރު އެލުވާނުލުމަށާއި، ކެތްތެރިވުމަށް ފޭނުން ނަސޭހަތްތެރިވެފައިވެ އެވެ.