އުރްފީ ޖާވޭދްއަކީ އިންޑިއާގެ ނޫސްތަކާއި، އެކި ހަބަރުތަކުގެ ސުރުހީގައި ފަހަކަށް އައިސް ވަރަށް ގިނައިން ފެންނަ ނަމެކެވެ.

އުރްފީއާ ގުޅިގެން އެންމެ ގިނައިން ދެކެވޭ ވާހަކައަކީ އޭނާ ހެދުން އެޅުމުގައި ބަހައްޓާ ވައްޓަފާޅިއާ ގުޅިގެން ދެކެވޭ ވާހަކަތަކެވެ. އެކަމުގެ ސަބަބުން އޭނާއަށް އާންމުންގެ ތެރޭގައި ބޮޑު މަޝްހޫރުކަމެއް ލިބިފައިވާއިރު، އުރްފީއަށް މަލާމާތްކޮށް، ފާޑުކިޔާ މީހުން ވެސް މަދެއް ނޫނެވެ.

މި މައްސަލަ ބޮޑުވެ، ސިޔާސީ ޕާޓީތަކުގެ އިސްވެރިން ވެސް އިންޑިއާގެ ޕޮލިހުންނަށް މި މައްސަލަ ހުށަހަޅާފައިވާއިރު، އުރްފީ މިކަމަށް ދިން ރައްދެއްގެ ގޮތުގައި ބުނީ، ނިވައިކަން ކުޑަ ހެދުން ލަނީ ހެދުމަށް އެލާޖިކް ވާތީ ކަމަށެވެ.

އުރްފީގެ ސޯޝަލްމީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި އޭނާގެ ފައިގައި ފިތްގަނޑުތަކެއް ނަގައި އެލާޖިކުވެފައިވާ މަންޒަރު ދައްކާފައިވާއިރު، އެއީ ހެދުން އެޅުމުގެ ސަބަބުން އޭނާގެ ހަންގަނޑަށް ލިބޭ ގެއްލުމެއް ކަމަށް އުރްފީ ވަނީ ބުނެފަ އެވެ. އަދި އޭނާ ހަދަނީ ދޮގެއް ނޫން ކަމަށާއި، އާންމުންނަށް މިހާރު މިކަމުގެ ހަގީގަތް ހާމަކޮށްފި ކަމަށް އޭނާ ބުނެފައިވެ އެވެ.

އުރްފީ، މުސްލިމް އާއިލާއަކަށް ނިސްބަތްވާއިރު، މުސްލިމުންގެ އިތުރުން ވެސް އިންޑިއާގެ އެހެނިހެން ދީންތަކުގެ މީހުން ދަނީ އުރްފީގެ ނިވައިކަން ކުޑަކަމާ ގުޅިގެން ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ނަމަވެސް ފާޑުކިޔާ މީހުންގެ ބަސް އަޑުއެހުމަކީ މުހިންމު ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް އުރްފީ ބުނެފައިވެ އެވެ.