މާލޭގެ ނީލަން ފިހާރަ ސިނާއީ ސަރަހައްދަށް ބަދަލުކުރުމަށް މާލޭ ސިޓީ ކައުންސިލުން އެދުމުން ވެސް ސަރުކާރުން އެ ކަމަށް ހުއްދަ ދީފައި ނުވާ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިހެން ވިދާޅުވީ މިއަދު ފަތިހު ނީލަން ފިހާރާގައި ހިނގި އަލިފާނުގެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއްވެފައިވާ ދަނޑިވަޅެއްގައި އެވެ. މި އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގައި ހުރި މާލޭ ސިޓީ ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކު ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ.
ރޭގެ އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން މޭޔަރު މުއިއްޒު މިއަދު 'ސަންގު ޓީވީ'އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ނީލަން ފިހާރަ ބަދަލުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން އެކި ފަހަރު މަތިން ކޮށްފައިވާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ނީލަން ފިހާރަ ފަޅުމަތީ މަގުން ނަގައި އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމުގެ ތަފްސިލީ ނިންމުންތައް އެ އަހަރުގެ މެދުތެރޭގައި ނިންމައި ސަރުކާރަށް އަންގާފައިވާނެ ކަމަށެވެ. އަދި ސިޓީ ކައުންސިލުން އެދުނު ބިމަކީ މާލޭ ބަސް ރޫޓަށް އަދި ތިލަމާލެ ބްރިޖު މަޝްރޫއަށް ވެސް ދަތި ނުވާނެހެން އޮންނަ ބިމެއް ކަމަށް ވެސް މޭޔަރު ފާހަގަ ކުރެއްވި އެވެ. އެގޮތުން، އެ ބިމަކީ އަދިވެސް ބޭނުމެއް ނުކޮށް އޮތް ތަނެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ ސިނާއީ ސަރަހައްދުގައި އެކަމަށް ހާއްސަ ސަރަހައްދެއް ކަނޑައަޅައި ވަކިން ރައްކާތެރި ގޮތަކަށް ތަރައްގީ ކުރުމަށް ފަހު، އެ ތަން އެ މީހުންނާ ހަވާލު ކުރަން ރާވާފައިވާ ކަމަށާއި ނަމަވެސް ސަރުކާރުން އެ ބިން ނުދިން ކަމަށެވެ.
"މާލެ އަދި ކޮންމެ ސިޓީއެއްގައި ވެސް ސެކަންޑް ހޭންޑް މާކެޓެއް އޮންނާނެ. އެއީ އޮންނަ އެއްޗެއް. އެކަން ކުރެވެން ވާނެ. އެކަމަކު މީހުން ތޮއްޖެހިފައި އޮންނަ ތަނަކު ނޫން ކުރާނީ. ރައްޔިތުންނަށް ބޭނުންވާ މި ކަހަލަ ކަންކަމުގައި ސަރުކާރުގެ އެއްބާރުލުން މުހިންމު،" މޭޔަރު ވިދާޅުވި އެވެ.
އެގޮތުން މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކޮންމެހެން ހުންނަން ނުޖެހޭ ތަންތަނުގައި ހިތާމަވެރި ހާދިސާތައް ހިނގަމުންދާ އަދަދު މިހާރު ގިނަ ކަމަށާއި އެ ކަންކަން ހައްލު ކުރުމަށް އިންޑަސްޓްރިއަލް ސަރަހައްދު ބޭނުން ކުރުން މުހިންމު ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި މާލޭ ސިޓީ ކައުންސިލްގެ 166 މުވައްޒަފުން ދިރިއުޅުނު އެކޮމޮޑޭޝަން ބްލޮކު އަނދައި ހުލިވި އިރު، އެ މީހުން މި ވަގުތު ތިބީ އިމާދުއްދީން ސްކޫލުގަ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
މުއިއްޒު އެހެން ވިދާޅުވި ނަމަވެސް މި ސަރުކާރުން ވަނީ އިންޑަސްޓްރިއަލް ވެލެޖް ތަރައްގީކުރާނެ ގޮތުގެ ޕްލޭނެއް ތައްޔާރުކޮށްފަ އެވެ. އެ ޕްލޭނުގައި، ނީލަން ފިހާރަ އެތަނަށް ބަދަލުކުރުމެއް ނުހިމެނެ އެވެ.