ދިވެހި ބަހުގެ އުސްތާޒް އަބްދުﷲ ސޯދިގުގެ ސިއްހީ ހާލުކޮޅު ގޯސްވެ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައިވާތީ އޭނާގެ ދަރިފުޅު ރައުފަތު ސޯދިގުގެ ކައިވެނި އެ ހޮސްޕިޓަލްގައި ކޮށްފި އެވެ.

ރައުފަތު އާއި ޝަހުދާގެ ކައިވެނި ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ.

ރައުފަތު ބުނީ ބައްޕަ އެޑްމިޓްކޮށްފައި އޮތް ތަނުގައި ޖާގަ ހުރުމުން އެތަނުގައި ކައިވެނިކުރަން ނިންމީ ކަމަށެވެ.

"ބައްޕަ އަށް ފަސޭހައިން އެއް ތަނުން އަނެއް ތަނެއް ނުދެވޭތީ ފުރަތަމަ ވެސް ނިންމީ ގޭގައި ކައިވެނި ކޮށްފައި އެހެން ތަނެއްގައި ސައެއް ބާއްވަން. އޭރުން މި ހަފުލާގައި ބައްޕަ އަށް ބައިވެރިވެވޭނެތީ،" އޮންލައިން ނޫސް މިހާރަށް މައުލޫމާތު ދެމުން ރައުފަތު ބުންޏެވެ.

ހޮސްޕިޓަލުގައި ކުރި ކައިވެނީގެ ފޮޓޯއަކާއެކު، މި މަހުގެ ތިން ވަނަ ދުވަހު ސޯދުބެ ވަނީ ޝުކުރުގެ ޕޯސްޓެއް ލިޔުއްވާފަ އެވެ. ސޯދުބެ ވިދާޅުވީ، އޭނާއަކީ ހަމަ ޔަގީނުން ވެސް އައިޖީއެމްއެޗުން ގަވާއިދުން ހިދުމަތް ހޯއްދަވާ ބޭފުޅަކަށް ވާތީ ކަސްޓަމަރު ޑިސްޓައުންޓް ލިބެންޖެހޭ ބޭފުޅެއްކަން ޔަގީން ވެއްޖެ ކަމަށެވެ.

އޭނާއަށް ފަރުވާ ނުދެއްވާ ޑޮކްޓަރަކާއި ނަރުހެއް ވެސް މަދުވާނެ ކަމަށް އެ ޕޯސްޓުގައިވެ އެވެ.

"..ތިޔަ ދެއްވި ފަރުވާގެ އިތުރަށް އަޅުގަނޑުގެ އެންމެ ހަގު ދަރިފުޅުގެ ކައިވެނި ވެސް މި ތަނުގައި ކުރުމަށް މަގުފަހިކޮށްދެއްވިކަމަށްޓަކައި ހޮސްޕިޓަލްގެ އިސްވެރިންނަށް ހިތުގެ އެންމެ ފުންމިނުން ލޯތްބާއެކު ޝުކުރު ދަންނަވަމެވެ. އެ ދުވަސް ވެސް ފެނި، އެ އުފަލުގައި ބައިވެރިވެވުނީ ވެސް ތިޔަ ހިދުމަތްތެރިންގެ ސަބަބުންނެވެ." ސޯދުބޭގެ ޕޯސްޓްގައިވެ އެވެ.

ސޯދުބޭގެ ހަގު ދަރިފުޅު ރައުފަތަކީ ދިވެހި ޓީޗަރެކެވެ. ބައްޕައެކޭ އެއްފަދައިން އޭނާ އަކީ ވެސް ދިވެހި ބަހަށް ވަރަށް މޮޅު މީހެކެވެ.