ލޭ ހަދިޔާ ކުރުމަކީ އިންސާނީ މަތިވެރި ޚިދުމަތެކެވެ. ލޭ ހަދިޔާ ކޮށްގެން އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވޭއިރު އަމިއްލަ މީހާގެ ސިއްހަތަށް ވިސްނުމަކީ ވެސް މުހިއްމު ކަމެކެވެ. ލޭ ހަދިޔާ ކުރެވޭނީ ޚުދު ތިމާވެސް ރަނގަޅު ސިއްހަތެއްގައި ހުރެގެން ކަމަށްވާތީ އެވެ.

ސިއްހަތު ރަނގަަޅަށް ހުންނަ މީހަކަށް ފަހަރަކު ތިން މީހުންގެ ދިރިއުޅުން ސަލާމަތް ކުރެވޭނެ އެވެ. ލޭ ހަދިޔާ ކުރުމަކީ ސިއްހީ ގޮތުން މައްސަލައެއް ދިމާވާ ކަމެއް ނޫނެވެ. އެހެން ނަމަވެސް ސިއްހީ ގޮތުން ބަލަންޖެހޭ ކަންތަކަށް ސަމާލުކަން ދިނުމާއެކު ރަނގަޅު ޑައިޓެއް ގެންގުޅުންވެސް އެހާ މުހިއްމެވެ.

އެންމެ ފުރަތަމަ ކަމަކަށް ބަލަންޖެހޭނީ ހެނދުނުގެ ނާސްތާއަކީ ފައިދާހުރި މާއްދާތަކެއް އެކުލެވޭ ނާސްތާ އަކަށް ވުމެވެ. ހެނދުނުގެ ނާސްތާ ރަނގަޅު ނަމަ، ލޭ ހަދިޔާ ކުރުމުގެ ފަހުން ތުރުތުރު އެޅުމާއި ވަރު ދެރަވުމުން ދުރުކޮށްދޭނެ އެވެ. އެގޮތުން ހެނދުނުގެ ނާސްތާގެ ގޮތުގައި ބިސް، ބީންސް، ސޯޔާ، ސީރިއަލް، ލެންޓިސް، ސްޕިނިޗް ފަދަ ތަކެތި ހިމަނާލާށެވެ.

އަޔަން އެކުލެވޭ ބާވަތްތައް ލޭ ހަދިޔާ ކުރުމުގެ ހަފްތާއެއް ކުރިން ގިނައިން ކާށެވެ. އޭގެ ތެރޭގައި ސްޓޯބެރީ، ސިޓްރަސް ފުރުޓްސް އަދި ކަރާވެސް ހިމެނެ އެވެ. ލޭ ހަދިޔާ ކުރަން ހެނދުނު ދާއިރު ހެނދުނުގެ ސައިބުއިމަށްފަހު ކަރާކޮޅެއް ކާލާށެވެ.

ހަމައެއާއެކު ގިނައިން ފެން ބުއިމަށް އާދަ ކުރާށެވެ. ލޭ ހަދިޔާ ކުރުމުގެ ދެ ތިން ގަޑިއިރެއް ކުރިން ގިނައިން ފެންބޯށެވެ. އަދި ކޮފީ އަދި ސައި ފަދަ ކެފެއިން އެކުލެވޭ ބާވަތްތައް މަދުކުރުމަކީ ކުރަންޖެހޭ ކަމެކެވެ. މި ދެކަމަށް ސަމާލުވާށެވެ. ތަފާތު ފާހަގަ ކޮށްލެވޭނެ އެވެ.