ޑިޕްރެޝަންގެ ސަބަބުން މީހާގެ ނަފްސާނީ ސިއްހަތަށް ކުރާ އަސަރު އެންމެންނަށް ވެސް އެނގެ އެވެ. ނޭނގޭ ކަމަކީ މިއީ ނަފްސާނީ ސިއްހަތުގެ އިތުރުން ޖިސްމާނީ ސިއްހަތަށް ވެސް އަސަރު ކުރުވާ ކަމެއް ކަމެވެ. މި ބަލާލަނީ ޑިޕްރެޝަންގެ ސަބަބުން ޖިސްމާނީ ސިއްހަތަށް ކުރާ ބައެއް އަސަރު ތަކަށެވެ.

އެންމެ ފުރަތަމަ ކަމަށް ޑިޕްރެޝަންގެ ސަބަބުން މީހާގެ ހަނދާން ބަލިކޮށްލަ އެވެ. ސްޓްރެސް ހޯމޯންސްތައް ހަށިގަނޑަށް ބާރުގަދަވެ ސިކުނޑީގެ މަސައްކަތަށް ބުރޫ އަރަ އެވެ.

ޑިޕްރެޝަންގެ ސަބަބުން ބަރުދަން އިތުރުވުމަށް މަގުފަހިކޮށްދެ އެވެ. ސަބަބަކީ ސްޓްރެސް ވުމުން ދިފާއީ ނިޒާމުގެ ބާރުދަށްވެ ކާހިތްވުން އިތުރުކޮށްދޭތީ އެވެ. ހާއްސަކޮށް ފޮނި ނުވަތަ ފެޓްސް ހިމެނޭ އެއްޗެހި ކާ ހިތްވުން އިތުުރުވެ އެވެ.

ކާހިތް ވުމުގެ އިތުރުން ދިފާއީ ނިޒާމުގެ ބާރުދަށްވުމުން އަވަހަށް ބަލިވާގޮތްވެސް މެދުވެރިވެ އެވެ. މާގިނައިން ރުއިމުން ނުވަތަ ކަންކަމާއި މާ ބޮޑަށް ވިސްނުމުން މިހެން ދިމާވުމަށް މެދުވެރިވެ އެވެ.

އެހެން ކަމުން ޑިޕްރެޝަންގެ ހާލަތްތަކުގައި އެކަނިވުމުގެ ބަދަލުގައި ތިމާއަށް އިތުބާރުކުރެވޭ ތިމާއާއި އެންމެ ގާތް ފަރާތަކާ ހިއްސާކޮށްލާށެވެ. ނުވަތަ ރައްޓެހިންނާއިއެކު ވަގުތު ހޭދަކޮށް ހިތްހަމަޖެހޭފަދަ ކަމެއްގައި މަސްއުލުވާށެވެ.

އެގޮތުން ތިމާގެ ހާއްސަ ހޮބީއެއްވާނަމަ ނުވަތަ އެކަމަކުން ތިމާއަށް ހިތްހަމަޖެހުން ލިބޭ ފަދަ ކަމެއް ކުރާށެވެ. މިސާލަކަށް ތިއީ ވާހަކަ ނުވަތަ ތަފާތު ފޮތް ކިޔާހިތްވާ މީހެއް ނަމަ އެކަން ކުރެވިދާނެ އެވެ. ނުވަތަ ކުރެހުން، ކުޅިވަރެއް ކުޅުން ފަދަ ކަންކަމަކީ ގަޔާވާ ކަމެއްނަމަ އެފަދަ ކަންކަމުގައި ވަގުތު ހޭދެކުރެވިދާނެ އެެވެ.