މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އިތުރު ދެ އަތޮޅަކަށް މިއަދު ފުރާވަޑައިގެންފި އެވެ.

ނަޝީދު ފުރާވަޑައިގެންފައި ވަނީ ކ. އަތޮޅަށާއި ޅ. އަތޮޅުގެ ރަށްތަކަށެވެ.

ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ބުނީ ކ. އަތޮޅާއި ޅ.އަތޮޅަށް ރައީސް ނަޝީދު ކުރައްވާ މިދަތުރުފުޅުގައި އެ ދެ އަތޮޅުގެ ގިނަ ރަށްތަކަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ނަޝީދު މި ފަހުން ވަނީ ލ، ތ އަދި މ. އަތޮޅުގެ ރަށްތަކަށް ވެސް ކެމްޕޭނަށް ވަޑައިގެންފަ އެވެ. އެމަނިކުފާނުން މިމަހު 19 ވަނަ ދުވަހުން 21 ވަނަ ދުވަހަށް ހުވަދު އަތޮޅަށް ކެމްޕޭނަށް ވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އަދި މި މަހުގެ 23 ގައި އެކަމިނުފާނު އައްޑޫ ސިޓީއަށް ވެސް ވަޑައިގަންނަވާނެ ކަމަށްވެސް ނަޝީދުގެ ކެމްޕޭން ޓީމުން ބުނެ އެވެ.

ރައީސް ނަޝީދު މިއަދު ކ.އަތޮޅަށާއި ޅ.އަތޮޅަށް ދަތުރުފުޅެއް ފައްޓަވާފައިވާއިރު ރައީސް ސޯލިހު މިއަދު އުތުރުގެ އަތޮޅުތަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ 28 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

މި އިންތިޚާބުގައި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ މީޑިއާތަކަށް ވެސް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލައިފަ އެވެ. މި ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުގެ 12:00އާ ހަމައަށެވެ. ކޮންމެ ވޯޓު ފޮއްޓެއްކައިރީ އެއްވަގުތެއްގައި ހަރަކާތްތެރިވެވޭނީ ކޮންމެ ޕްރިންޓް އަދި އޮންލައިން މީޑިއާ އަކުން އެއްބޭފުޅަކަށާއި އަދި ކޮންމެ ޓީވީ ސްޓޭޝަނަކުން ދެ މީހަކަށް ކަމަށް އެ ޕާޓީން ބުންޏެވެ. އެ ޕާޓީގެ ވޯޓާސް ލިސްޓު ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. އެ ލިސްޓުގައިވާ ގޮތުން 57،257 މީހުންނަށް އެ އިންތިހާބުގައި ވޯޓު ލެވެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.