ރިޔާސީ ދައުރެއްގެ ތެރޭގައި އެޅި ބިންގަލެއްގައި، ފުރަތަމަ ފަހަރަށް ނިންމާ ފްލެޓްގެ ތަޅުދަނޑި ރައްޔިތުންނަށް ދެއްވާނީ އެމަނިކުފާނުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އާޓިފިޝަލް ބީޗްގައި ރޭ ބޭއްވި ކެޕްމެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިސަރުކާރުން ތަރައްގީއަށް ކުރާ މަސައްކަތްތައް ނުނިމޭކަމަށް ބުނެ ބައެއް ފަރާތްތަކުން އަމާޒުކުރައްވާ ފާޑުކިޔުއްމަށް ރައްދު ދެއްވާފަ އެވެ.

ރައީސް ސޯލިހު ވަނީ ނުނިމެނީ ކޮންކަމެއްތޯ ސުވާލުކުރައްވާފަ އެވެ. އަދި ތަރައްޤީގެ މަގުން ކުރިއަށް ދާނީތޯ ނުވަތަ މަގުމަތިވާނީތޯ ރައީސް ސުވާލުކުރެއްވިއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ ދައުލަތުގެ ބަޖެޓުން ހަރަދުކުރާނީ، ތަރައްޤީގެ މަޝްރޫޢުތަކަށްތޯ ނުވަތަ ހަރަދުކުރާނީ ޕެޕާސްޕްރޭއާއި މުގުރާއި އަސޭމިރުސް ސްޕްރޭއަށްތޯ ނިންމާނެ އިންތިހާބު ކަމުގަ އެވެ.

5 އަހަރުގެ ދައުރެއްގައި އެންމެ ގިނަ މަޝްރޫއުތައް ހިންގާފައިވަނީ މިވެރިކަމުގައި ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

މާލެ ތޮއްޖެހުން ކުޑަކޮށް މުޅި މާލެއަށް ހަމަ ނޭވާއެއް ލުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެކަމުގެ ޔަޤީންކަންވެސް ރައީސް ސޯލިހު ދެއްވި އެވެ.

"ކުޑަ ޝައްކެއްވިޔަސް ނުކުރައްވާ. މާލެ ތޮއްޖެހި، މާލެ ހަމަނޭވާލުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑު ކުރާނަން. އަނެއްކާވެސް ސާފު ބަހުން ދަންނަވަން. މާލޭގެ ރައްޔިތުންނަށް ބިންކަނޑާ އިން ވަކިކޮށް ގޯތި ދޭނީ އަޅުގަނޑު." ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މާލެ ސަރަހައްދުގައި މިސަރުކާރުން އަޅާ ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތަކުގައި އެމަނިކުފާނުގެ މި ދައުރު ނިމުމުގެ ކުރިން މީހުން ދިރިއުޅެން ފަށާނެކަމަށެވެ. ރައީސް ވިދާޅުވީ ދައުރެއްގެ ތެރޭގައި ފްލެޓް އަޅައި ފުރަތަމަ ފަހަރަށް ތަޅުދަނޑި ހަވާލުކުރައްވާނީ އެމަނިކުފާނުކަމަށެވެ.

"ދައުރެއްގެ ތެރޭގައި ފުރަތަމަ ފަހަރަށް ބިންގަލެއްގެ ތެރޭގައި ފަށާ ނިންމާ ފްލެޓްގެ ތަޅުދަނޑި ދޭނީ އަޅުގަނޑު." ރައީސް ސޯލިހު ވިދާޅުވި އެވެ.