ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ޒުވާނުންނަށް ޚާއްސަކޮށްގެން ކެމްޕޭން ޖަލްސާއެއް ބާއްވަން ނިންމަވައިފި އެވެ.

"ޖީލެއްގެ ދިރުން" ނަމުގައި ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު ރޭ އެވެ. އެގޮތުން ޖަލްސާ އޮންނާނީ އެ ރޭ 8:15 ގައި ލޮނުޒިޔާރަތް ޕާކްގަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންތަކަށް ރައީސް ނަޝީދާއި ކެމްޕޭން ޓީމް މިހާރު ތިއްބެވީ ގދ. އަތޮޅުގަ އެވެ. އަދި އަންނަ ހޯމަ ދުވަހު އެމަނިކުފާނު އައްޑޫ ސިޓީ އަށް ވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

އަންނަ ހޮނިހިރު ދުވަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު ބާއްވަން ހަމަޖެހިފައިވާއިރު، މި އިންތިހާބުގައި ރައީސް ނަޝީދާއި ވާދަކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ދެ ވާދަވެރިން ކެމްޕޭން ކުރުމަށް އަތޮޅު ތެރެއަށް ވަޑައިގަންނަވާފައިވާއިރު، ދެބޭފުޅުންވެސް ވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށްފަ އެވެ.