އިސްތަށިގަނޑުގައި ނުރަ ޖެހުމަކީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކު ނުހަނު ކަންބޮޑުވާ ކަމެކެވެ. ނުރަތައް ފޮރުވަން އެކި ކަންކަން ކުރާ މީހުން ވެސް އުޅެ އެވެ. އެހެން ނަމަވެސް ބޮލުގައި ނުރަ ޖެހުމަކީ ހާސްވާންޖެހޭ ކަމެއް ނޫނެވެ.
އެހެނެއް ކަމަކު އިސްތަށިގަނޑުގައި ނުރަ ޖެހުމަކީ ހަށިގަނޑުގެ ސިއްޙީ ޙާލަތު އާދައިގެ ގޮތެއްގައި ހުރިކަމުގެ ދަލީލެއްކަމަށާއި އެއީ ބަލީގެ ނިޝާނެއް ނޫން ކަމަށް ސައެންސްވެރިން ބުނެ އެވެ.
ނުރަޖެހުމާ ގުޅޭ ދިރާސާތަކެއް ދާދިފަހުން ކުރި އެމެރިކާ ސައެންސްވެރިން ބުނާގޮތުން ނުރަޖަހަނީ އެންޓި އޮކްސިޑެންޓަލް މާއްދާއެއްކަމަށްވާ "ގުލުޓަތިއޮން" ނަމަކަށްކިޔާ މާއްދާއެއް ލޭގައި މަދުވުމުގެ ސަބަބުންނެވެ. މިއީ އިންސާނާގެ ހަށިގަނޑުގައި ގުދްރަތީ ގޮތުން އުފައްދާ މާއްދާ އެކެވެ.
މިމާއްދާގެ ބޭނުމަކީ ހަށިގަނޑުގައި ހުންނަ އޮކްސިޑޭޝަންގެ ލެވެލް އެއްވަރެއްގައި ހިފެހެއްޓުމެވެ. އޮކްސިޑޭޝަންގެ ލެވެލް މައްޗަށްދާ ނަމަ ނުރަޖެހުން ގިނަވާނެ އެވެ. "ގުލުޓަތިއޮން" ހަށިގަނޑުގައި ގިނައިން އުފައްދާމީހުންގެ އިސްތަށި ނުރައަށް ބަދަލުވުން ކުޑަވާނެ އެވެ. މިމާއްދާ މަދުވެ އޮކްސިޑޭޝަންގެ ލެވެލް މަތިވެއްޖެ ނަމަ އަވަހަށް އަދި ގިނައިން ނުރަޖަހާނެ އެވެ.
"ގުލުޓަތިއޮން" ހަށިގަނޑުގައި އުފައްދާ މިންވަރާއި ރަހިމުގައި އިންސާނާ އުފެދޭއިރު ވިރާސީ ގޮތުން އޭނާ އަށް ވާރުތަވާ ޖީންތަކާއި ސިފަތަކާ ބޮޑު ގުޅުންތަކެއްވާ ކަމަށް އެމެރިކާގެ ސައެންސްވެރިން ބުނެ އެވެ. ކުރިން އެނގިފައިވާ ގޮތުގައި އަވަހަށް ނުރަޖެހުމަކީ އަވަހަށް މުސްކުޅި ވާކަމުގެ އަލާމާތެކެވެ.
ނަމަވެސް ނުރަޖެހުމާ ގުޅޭ ދިރާސާތައް ކުރި އެމެރިކާގެ ސައެންސްވެރިންގެ ނަޒަރުގައި ނުރަޖެހުމަކީ ހަށިގަނޑު އަވަހަށް މުސްކުޅި ވުމެއް ނޫނެވެ. މުސްކުޅި ވާވަރަކަށް ނުރަ އިތުރުވުމަކީ ހަގީގަތެއް ކަމަށް ވިޔަސް އަވަހަށް ނުރަޖެހުމާއި މުސްކުޅިކަމާ ގުޅުން ނެތްކަމަށާއި އަވަހަށް ނުރަޖެހުމަކީ ބައްޔެއްގެ ސަބަބުން ވާކަމެއް ނޫންކަން ވެސް މި ދިރާސާއިން އެނގިފައިވެ އެވެ.
މުސްކުޅި ވާވަރަކަށް ހަށިގަނޑުގައި އޮކްސިޑޭޝަންގެ ލެވެލް ދަށްވާނެ އެވެ. މިހެންވަނީ އުމުރުން ދުވަސްވާ ވަރަކަށް "ގުލުޓަތިއޮން" މާއްދާ ހަށިގަނޑުގައި އުފައްދާ މިންވަރު މަދުވުމުގެ ސަބަބުން ވާކަމެކެވެ. މިއީ ގުދްރަތީ ކަމެކެވެ. ނުވަތަ ތަބީޢީ ކަމެކެވެ. މިކަމުގެ ސަބަބުން ނުރަޖެހުމަށް މަގުފަހިވެ އެވެ.
ނަމަވެސް އުމުރުން 30 އަހަރު ވުމުގެ ކުރިން މާބޮޑަށް ބޮލުގައާއި ތުނބުޅީގައި ނުރަޖަހާނަމަ އެއީ ހަށިގަނޑުގައި ހޯމޯންގެ މައްސަލައެއް އުޅޭކަމުގެ ނިޝާނަކަށް ވެދާނެ އެވެ. ނޫނީ އެއީ އާއިލީގޮތުން ވާރުތަ ވެފައިވާ ސިފަތަކާއި ޖީންތަކުގެ ސަބަބުން ވެދާނެ ކަމެއް ކަމަށްވެސް އެމެރިކާގެ ސައެންސްވެރިން ބުނެ އެވެ.