ތެލް އަވީވް (22 ޖެނުއަރީ) އިޒްރޭލުގައި ވެރިކަން ކުރަމުން އަންނަ ހަރުކަށި ފިކުރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން އެގައުމުގެ ޖުޑީޝަރީ ގެންގުޅެމުން އަންނަ ގޮތާމެދު ނުރުހުން ފާޅުކޮށް އެތައް ހާސް ބަޔަކު މުޒާހަރާއަށް ނުކުމެއްޖެ އެވެ.

އެގޮތުން މުޒާހަރާއަށް ނުކުތް ފަރާތްތަކުން ބުނާ ގޮތުގައި ނަތަންޔާހޫގެ ސަރުކާރުން އެގައުމުގެ ޖުޑީޝަރީއަށް ގެނައި އާ ބަދަލުތަކާއެކު ގައުމުގެ އަދުލު އިންސާފަށް ވަނީ ނުރައްކާވެފަ އެވެ.

އެ އާ ބަދަލުތަކުގެ ސަބަބުން ކަންކަމުގައި ގާނޫނީ އެހީ ހޯދުމުގައާއި އެހެނިހެން ގާނޫނީ ކަންކަމުގައި ބޮޑެތި ހިފެހެއްޓުންތަކެއް އެކުލަވާލާފައިވެ އެވެ.

ނަަތަންޔާހޫއާ ދެކޮޅު ސިޔާސީ ފަރާތްތަކުން ބުނެފައިވަނީ ޖުޑީޝަރީއަށް ގެނައި ބަދަލުތަކަކީ އިޒްރޭލުގައި ޑިމޮކްރަސީ އުވާލައި ޑިކްޓޭޓާޝިޕްއަކަށް މަގުފަހި ކުރަން ނަތަންޔާހޫ ގެންގުޅުއްވާ ސިޔާސަތެއް ކަމަށެވެ.

"މި ބަދަލުތަކާއެކު ވަކީލުންނާއި ގާޟީންގެ މިނިވަންކަން ވަނީ ވަރަށް ބޮޑަށް ހިފެހެއްޓިފައި. އަހަރުމެން މި ގޮވާލަނީ މިނިވަން އިންސާފުގެ ނިޒާމަކަށް" މުޒާހަރާގައި އިސްކޮށް ބައިވެރިވާ ފަރާތަކުން ބުންޏެވެ.

ނަތަންޔާހޫ ވެރިކަމަށް އެރުމަށްފަހު ތަންފީޒު ކުރަން ފެށި އެކި ސިޔާސަތުތަކަށް އިޒްރޭލުގެ ގިނަ ރައްޔިތުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައިވެ އެވެ. -- އަލް އަރަބިއްޔާ