އެމްޑީޕީއަކީ އެތައް ބަޔަކު ގުރުބާނީ ވެގެން އުފެއްދި ޕާޓީއެއް ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެއްޖެ އެވެ.
ގއ. ވިލިނގިލީ އެމްޑީޕީ ހަރުގޭގައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީއަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ އެ ޕާޓީގެ އެންމެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއީލް ކަމަށެވެ. އަދި އެއަށްފަހު ދެވަނައަށް އެ ޕާޓީއަށް ސޮއިކުރެއްވީ އެމަނިކުފާނު ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރިޔާސީ ޕްރައިމަރީއަށް ތާއީދު ހޯދިޔަސް އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުނު މީހުންނަށް ބަދުބަސް ބުނުމަކީ ޕާޓީއަށް ފައިދާހުރި ގޮތެއް ނޫން ކަމަށެވެ.
އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުންގެ ނަންތައް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެގޮތުން އެމްޑީޕީ ވިލިނގިލި ދާއިރާގެ ރައީސް މުހައްމަދު ރައޫފާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފްގެ ނަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"މިއީ ވަކި ބޭފުޅެއްގެ ޕާޓީއެއް ނޫން. އެތައް ބައެއްގެ ބުރަ މަސައްކަތުން އުފެއްދި ޕާޓީއެއް މިއީ. ވަކި މީހެއްގެ، ވަކި މަގުސަދެއް ހާސިލްކުރަން މި ޕާޓީ އުފެއްދުމުގައި ގުރުބާންވީ މީހުންނާ ދިމާލަށް ހިތުހުރި އެއްޗެއް ގޮވުމަކީ އެ ބޭފުޅުންނަކަށް ވެސް އަދި މި ޕާޓީއަކަށް ވެސް ރަނގަޅެއް ނޫން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ވެރިކަމެއް އުފެދެން އޮތް ހަމައެކަނި ގޮތަކީ ގިނަ ބަޔަކު ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ. އަދި އެމްޑީޕީން ދައްކާ ކެންޑިޑޭޓަކީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ބޭފުޅަކަށް ވާންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.