ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނު ނިންމަވައިލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަލުން އައްޑުއަށް ވަޑައިގަންނަވަން ނިންމައިފި އެވެ.

އެމްޑީޕީން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީ އަންނަ ހޮނިހިރު ދުވަހު ބާއްވާއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.

މި އިންތިހާބަށް ދެ ބޭފުޅުން ވެސް ގެންދަވަނީ ފޯރިއާ އެކު ކެމްޕޭން ކުރައްވައި އެއް ބޭފުޅަކު އަނެއް ބޭފުޅަށް ބަހުގެ ހޫނު ހަމަލާތައް ދެމުންނެވެ.

ކެމްޕޭން ކުރެއްވުމަށް ރައީސް ޞާލިހް މިދިޔަ ހަފްތާގައި އައްޑުއަށް ވަޑައިގެންފައިވާއިރު، ރައީސް ވަނީ، އައްޑޫ ރައްޔިތުންގެ ޝަކުވާތަކަށް އަޑުއަހާފަ އެވެ. އަދި ރައީސް ވަނީ އައްޑޫ ރައްޔިތުންގެ ޝަކުވާތަކަށް އުއްމީދީ ޖަވާބުތަކެއް ދެއްވައިފަ އެވެ.

ކެމްޕޭން ނިންމަވާލެއްވުމަށްވެސް ރައީީސް ވަޑައިގަންނަވާނީ އައްޑޫއަށް ކަމަށް ރައީސްގެ ކެމްޕެއިން ޓީމުން ބުނެފައިވެ އެވެ. އެގޮތުން އަންނަ ބުރާސްފަތި ދުވަހުގެ ރޭ އައްޑޫގައި ބާއްވާ ޖަލްސާގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާނެކަމަށް އެ ޓީމުން ބުންޏެވެ. ހިތަދޫ ސްޓޭޖު ސަރަަހައްދުގައި ބާއްވާ މި ޖަލްސާ އޮންނާނީ 8:30ގަ އެވެ.