ކޮލަމްބޯޯ (ޖެނުއަރީ 28) - ސްރީލަންކާގެ ގައުމީ އެއާލައިން ކަމަށްވާ ސްރީލަންކަން އެއާލައިންސްގެ 45 ޕައިލެޓަކު އެއްފަހަރާ އިސްތިއުފާ ދީފި އެވެ.

ސްރީލަންކާގެ އޭވިއޭޝަން ހަބަރުތައް ގެނެސްދޭ ވެބްސައިޓެއް ކަމަށްވާ އޭވިއޭޝަން ވޮއިސްއިން އެގައުމުގެ އޭވިއޭޝަން އޮތޯރިޓީއާ ހަވާލާދީ ބުނެފައިވަނީ ސްރީލަންކަން އެއާލައިންސްގެ 45 ޕައިލެޓަކު އިސްތިއުފާ ދީފައިވާއިރު، ޖުމްލަ 85 ޕައިލެޓުން ލެޓާ އޮފް ސެޓިފިކޭޝަންއަށް ހުށައަޅާފައިވާ ކަމަށެވެ.

އެ ވެބްސައިޓުގައި އިތުރަށް ބުނެފައިވަނީ ޕައިލެޓުން އިސްތިއުފާ ދީފައިވަނީ މުސާރައިގެ މައްސަލާގައި ކަމަށެވެ. އެގޮތުން ސްރީލަންކާއަށް އަންނަ އެހެން ބައިނަލްއަގްވާމީ އެއާލައިންތަކުގައި މަސައްކަތްްކުރާ ޕައިލެޓުންގެ މުސާރަ އެ އެއާލައިންގެ ޕައިލެޓުންގެ މުސާރައަށް ވުރެ ބޮޑު ކަމަށް ޕައިލެޓުން ފާހަގަ ކޮށްފައިވެ އެވެ.

މުސާރައިގެ މައްސަލާގައި މީގެ ކުރިން ވެސް އެ އެއާލައިންގެ ޕައިލެޓުން ހަޅުތާލު ކޮށްފައިވާއިރު އެއާލައިންގެ މެނޭޖްމަންޓުން ވަނީ އެކަމަށް ހައްލު ހޯދައިދޭނެ ކަމަށް ބުނެފަ އެވެ.

މިފަހުން ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ވަޅުގަނޑުގެ ސަބަބުން 2023 ވަނަ އަހަރު ސްރީލަންކަން އެއާލައިންސްއަށް ޕައިލެޓުންގެ ދަތިކަން ކުރިމަތިވާނެ ކަމަށް ރިޕޯޓުތަކުން ވަނީ ލަފާކޮށްފަ އެވެ.

ސްރީލަންކަން އެއާލައިންސްއަކީ ދުނިޔޭގެ ގިނަ ގައުމުތަކަށް ދަތުރުކުރާ ދެކުނު އޭޝިއާގެ އެންމެ ބޮޑު އެއާލައިންތަކުގެ ތެރެއިން އެއް އެއާލައިން އެވެ. -- އަލް އަރަބިއްޔާ