މިހާރު ކުރިއަށްދާ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިންގައިގެް ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރާ ތިން ސަޕޯޓަރަކު ހައްޔަރު ކޮށްފި އެވެ.

އެމްޑީޕީ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް އެޕާޓީން ބާއްވާ މި އިންތިހާބުގައި ރާއްޖޭގެ އެކި ހިސާބުތަކުން ވޯޓުލުން ކުރިއަށްދާއިރު, ބައެއް ރަށްތަކުގައި ވޯޓުލުމުގައި ހަމަހަމަކަން ގާއިމްނުވާ ކަމަށް ބުނެ މައްސަލަ ވަނީ ހޫނުވެފަ އެވެ. އެގޮތުން ބައެއް ރަށްތަކުން ވޯޓު ފޮށި ފަޅާލައި އޮފިޝަލުންނަށް ވެސް ހަމަލާދީފައިވެ އެވެ.

އެގޮތުން ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ސަޕޯޓަރުންގެ މެދުގައި ވެސް ހަމަނުޖެހުން ހިނގައި މާރާމާރީ ހިންގާފައިވެ އެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ވޯޓު ފޮއްޓަށް ގެއްލުންދިން މައްސަލައިގައި ގދ. ރަތަފަންދޫން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ތިނަދޫން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

އެގޮތުން ރަތަފަންދޫން މީހަކު ހައްޔަރުކޮށްފައިވާއިރު، ހައްޔަރުކުރި އެކަކީ ރައީސް ނަޝީދުގެ މަންދޫބެއްކަމަށް ރައީސް ނަޝީދުގެ ކެމްޕޭނު ޓީމުގައި ހިމެނޭ ރައްޔިތުން މަޖިލީހުގެ ނައިބު ރައިސް, އީވާ ވިދާޅުވެފައިވެ އެވެ. އީވާ ވަނީ މިވަރުން ދާނަމަ ރައީސް ނަޝީދުވެސް ހައްޔަރުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.