ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި 73 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.

މެދުރާއްޖެތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނީ މި މައްސަލައިގައި އަނިޔާލިބިފައިވަނީ އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށެވެ.

މި މައްސަލައާ ގުޅިގެން 73 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ބަލައި ތަހުގީގުކުރަމުން ގެންދާކަމަށެވެ.

މީގެ ދެ ދުވަހެއް ކުރިންވެސް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާއިރު، އެ މައްސަލައިގައިވެސް ހައްޔަރުކޮށްފައިވަނީ އުމުރުން ދުވަސްވީ މީހެކެވެ.

އެ މައްސަަލައިގައި 13 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވި އެވެ. އަދި ފުލުހުންގެ އެކަމާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކުރީ 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.