ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި، ރާއްޖެއަށް ކުރިމަތިވި ގޮންޖެހުންބޮޑު އުނދަގޫ ހާލަތްތަކުގައި އިންޑިއާވެފައި ވަނީ، ރާއްޖޭގެ އެންމެ ގާތް އަދި އެންމެ އިތުބާރު ކުރެވޭ އެއް ރަޙުމަތްތެރިޔާއަށް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، އިންޑިއާގެ 74 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންޑިއާ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވަނީ އިންޑިއާގެ 74 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އިންޑިއާގެ ރައީސާ ދްރައުޕަތީ މުރުމުއަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އިންޑިއާގެ ރައްޔިތުންނަށް، ރައީސްގެ އަމިއްލަ ނަންފުޅުގަޔާއި، ދިވެހި ރައްޔިތުންގެ ނަމުގައި ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ފޮނުއްވާފަ އެވެ.

މި ހަފުލާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، ދިވެހިރާއްޖެއާ އިންޑިއާ އާދެމެދު އޮތް ޒަމާންވީ ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ފޯރުކޮށް ދެމުންގެންދާ އެހީތަކަށާއި، ކޮވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރި މައްސައްކަތްތަކުގައި އިންޑިއާއިން ފޯރުކޮށްދީފައިވާ އެހީތައް ފާހަގަކުރައްވާފަ އެވެ. އަދި އިންޑިއާގެ ޖުމްހޫރީ ހަޔާތުން މިފެށުނު އައު އަހަރުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަގީންކުރައްވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، އިންޑިއާއަކީ އެ ގައުމުގެ ދުސްތޫރީވެރިކަން ހިންގުމުގައި ރާއްޖެފަދަ ޑިމޮކްރަސީގެ ޅަފަތުގައިވާ ގައުމުތަކަށް އަލިގަދަ ނަމޫނާއެއް ކަމަށެވެ. އަދި އިންޑިއާގެ ގާނޫނު އަސާސީ އެކުލަވައިލި ފަރާތްތަކުގެ ދުރުވިސްނުމާއި ތަސައްވުރަކީ ފުރިހަމަ ނަމޫނާއެއްކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ރައީސް ވަނީ ވޭތުވެދިޔަ އަހަރުތަކުގައި އިންޑިއާގެ ކުރިއެރުމަށާއި ތަރައްގީއަށް އަދި ހަމަޖެހުމަށް އެ ގައުމުން ކަޑައްތުކުރި ދަތުރު ސާބިތުކަމާއި ވިލުންވެރިކަމާއެކު ދައްކުވައިދީފައިކަމުގައި ވިދާޅުވެ އެކަމަށް ތައުރީފު ކުރައްވާފަ އެވެ. އަދި އިންޑިއާގެ ގާނޫނުއަސާސީން ވަނީ އެ ގައުމުގެ ސިޔާދަތާއި ހުރިހާ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީފައި ކަމަށާއި އިންޑިއާގެ ކާމިޔާބީގައި އެ ގައުމުގެ ގާނޫނު އަސާސީ މުހިއްމު ދައުރެއް އަދާކޮށްފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އިންޑިޔާގެ އެންމެހައި ކަންކޮޅުތަކެއްގައި، އަދުލުވެރި އަދި ސާމިލު ތަރައްގީ ފެތުރުމުގެ ބާރު ލިބިދެނީ ވެސް އިންޑިއާގެ ގާނޫނުއަސާސީންނާއި އިންޑިއާގެ ވެރިންގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. އަދި ގައުމީ ތަރައްގީއަށް ބުރުލެއް ނާރުވައި، ތަފާތު މުޖުތަމައުތައް އެއްބައިކޮށް، މުޖުތަމަޢުގައި ނަމޫނާ ހަމަކަމެއް ގާއިމުކުރުމަށް މަސައްކަތް ކުރެވިދާނެކަން، އިންޑިއާއިން މިހާރު ވެސް އަންނަނީ ދުނިޔެއަށް ދައްކައިދެމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިންޑިއާގެ 74 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާއި، ދައުލަތުގެ ޢިއްޒަތްތެރިންނާއި، ކެބިނެޓްގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.