ބަރަހަނާ ފޮޓޯތަކަކާއި ގުޅިގެން ފިރިހެނަކަށް ބިރުދެއްކި އަންހެނަކު ހަތް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އޭނާ ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ފިރިހެނަކު ގެސްޓުހައުސްއަށް ގެންދިއުމަށްފަހު އެމީހާގެ ބަރަހަނާ ފޮޓޯ ނަގައި ލީކުކުރާނެކަމަށް ބުނެ ބިރުދެއްކުމާއި ގުޅިގެންނެވެ. މި މައްސަލައިގައި ހަތް މަހަށް ޖަލަށް ލާން އަމުރުކޮށްފައިވަނީ ގދ. ގައްދޫ، އެތުމާގެ އައިޝަތު ނަޒުމާގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ޖެނުއަރީ 23، 2021 ވަނަ ދުވަހު ފިރިހެނަކު ގެސްޓު ހައުސްއެއްގެ ކޮޓަރިއަކަށް ގެންގޮސް، ބަރަހަނާ ފޮޓޯ ނަގައި އެތަކެތި ސޯޝަލްމީޑިއާގައި އާންމުކުރާނެކަމަށް ބުނެ ބިރުދެއްކިކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން ފިރިހެން މީހާ ގެންގުޅޭ ފޯނު އަތުލައި އެމީހާގެ ބެންކު އެކައުންޓުން 2000 ރުފިޔާ އެހެން މީހެއްގެ އެކައުންޓަށް ޖަމާކޮށްފައިވާކަމަށްވެސް ބުނެފައިވެ އެވެ. އަދި ފިރިހެންމީހާގެ ވޮލެޓުން 350 ރުފިޔާ އާއި އެމީހާގެ ފޯނުވެސް ވަގަށް ނެގިކަމުގެ ދައުވާ އެ އަންހެން މީހާގެ މައްޗަށް ކޮށްފައިވެ އެވެ.

މި މައްސަލައިގައި އަންހެން މީހާގެ މައްޗަށް ކުރި ފޭރުމުގެ ދައުވާއަށް އޭނާ ވަނީ އިއުތިރާފުވެފަ އެވެ.