ޗޮކްލެޓްއަކީ ގިނަ މީހުންނަށް ވަރަށް މީރު އެއްޗެކެވެ. އާންމު ގޮތެއްގައި އަޅުގަނޑުމެން ކަނީ މިލްކް ޗޮކްލެޓް ކަމުގައިވިޔަސް، ހަޤީގަތުގައި ސިއްޙަތަށް ފައިދާ ހުންނަނީ ޑާކް ޗޮކްލެޓެވެ.

ވަރަށް ފަހުން ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި ކޮކޯގައި ހުންނަ މާއްދާތަކަކީ ހިތުގެ ސިއްހަތަށް ރަނގަޅު އެއްޗެކެވެ.

ދިރާސާއިން އެނގުނު ގޮތުގައި ފްލެވެނޯލް ގިނައިން ހުންނަ ކޮކޯ ޕްރޮޑަކްޓްތަކަކީ ކާޑިއޯމެޓަބޮލިކް ސިއްޙަތަށް ބޭނުންވާ ބައޯމޭކާސް ދައުރު ކުރުމަށް އެހީވެދޭ އެއްޗެކެވެ.

ދިރާސާގައި ބައިވެރި މީހުންގެ ތެރޭގައި ފްލެވެނޯލް ކޮކޯ ޕްރޮޑަކްޓްތައް ބޭނުންކުރާ މީހުންގެ ސިއްހަތު، އެފަދަ އެއްޗެހި ނުކާމީހުންނަށްވުރެ މާ ރަނގަޅު ކަމަށް ހޯދިފައިވެ އެވެ.

އެންމެ ބޮޑު ތަފާތެއް ފެނިފައިވަނީ ދުވާލަކު 200 މިލިގްރާމާއި 600 މިލިގްރާމާއި ދެމެދުގެ އަދަދަކަށް ކޮކޯ ބޭނުންކުރާ މީހުންގެ ފަރާތުންނެވެ.

އެމީހުން އިންސުލިން ލެވެލްއާއި ލޭގައި ހަކުރު ހުންނަ މިންވަރުގެ އިތުރުން އިންސުލިން ރެސިސްޓެންސް ދައްކުވައިދޭ އެޗްއޯއެމްއޭ-އައިއާރު، ފާހަގަކުރެވޭ މިންވަރަކަށް ދަށްވެގެން ދިޔަ އެވެ.

އަދި އެހެންމެ އެމީހުންގެ ހަށިގަނޑުގައި އެޗްޑީއެލް ނުވަތަ 'ރަނގަޅު' ކޮލެސްޓްރޯލްގެ މިންވަރު ހުރީ އިތުރުކޮށެވެ.

އެއަށްވުރެ ގިނައިން ކޮކޯ ބޭނުންކުރި ބައިވެރިންގެ ޓްރައިގްލިސެރައިޑްސް ދަށްވެ، އިންސުލިން ރެސިސްޓެންސްގެ ފައިދާތައް ފެނުނު ކަމުގައިވިޔަސް، 'ރަނގަޅު' ކޮލެސްޓްރޯލް ފާހަގަ ކުރެވޭ މިންވަރަކަށް އިތުރުވެފައި ނުވެއެވެ.

އެހެން ކަމުން ޗޮކުލެޓު ކާނަމަ ކާންވީ ޑާކް ޗޮކްލެޓެވެ.