ދިވެހިންގެ ތެރޭގައި ހަރު ހަނޑުލު ބަތް ނުކައްކާ ގެއެއް މަދުވާނޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. ބަތް ކެއްކުމަށްޓަކައި ހަނޑޫ ދޮވުމަށްފަހު ބާކީ ފެންފޮދު އުކާލެވެ އެވެ.
ނަމަވެސް މިކަން އެގޮތަށް ކުރަނީ އެ ބާކީ ފެންފޮދުން ލިބޭ ފައިދާތައް ނޭނގޭތީ އެވެ. އެނގޭނަމަ ގައިމުވެސް އެ ފެންފޮދު އުކާ ނުލާނެކެން ޔަގީނެވެ.
ހަނޑޫ ދޮވުނު ފެނަކީ އިންސާނާގެ ހަންގަނޑަށް އެތައް ފައިދާއެއް ލިއްބައިދޭ މާއްދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. އެހެން ކަމުން މި ފެން ބޭނުންކޮށްގެން ދުވާލަކު ދެއިރު މޫނު ދޮވުމަކީ މޫނުގެ ހަންގަނޑު އުޖާލާ ކޮށްދޭނެ ކަމެކެވެ.
އެއާއެކު މި ފެނުން އިސްތަށިގަނޑު ދޮވުމަކީ ވެސް އިސްތަށިގަނޑުގައި ގޮށްޖެހުން ކުޑަކޮށްދީ އިސްތަށިގަނޑު ހިކުމުން ދުރުކޮށްދޭ ކަމެއް ވެސްމެ އެވެ.
އެހެންކަމުން ހަނޑޫ ދޮވުމަށްފަހު ބާކީވާ ފެންފޮދު އުކާލުމުގެ ބަދަލުގައި އޭގެ ބޭނުން ހިފާށެވެ. އިސްރާފު ކުޑަވެ ހަށިގަނޑަށް ވެސް ފައިދާ ކުރާނެ އެވެ.