ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ ހަސަދަ ފިލުވާ ތަނަކަށް ހަދައިފި ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހަކީ، ރައްޔިތުންގެ ތަނެއް ކަމަށާއި، މަޖިލީހުގެ ތަޅުން ބޭނުން ކުރަންވާނީ ރައްޔިތުންނަށް ފައިދާ ކުރަނިވި، ކަންކަމަށްޓަކައި ހިޔާލު ފާޅުކުރުމުުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވިގޮތުގައި އެ މަޖިލީހުގައި ގައުމުގެ ސަލާމަތްތެރިކަން ދަމަހައްޓައި، ދަޢުލަތުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަކީ މަޖިލީހުގެ ހަގީގީ ޒިންމާ އެވެ. އެހެން ނަމަވެސް، މަޖިލީހަކީ ސިޔާސީ ހަސަދަ ފިލުވާ ތަނަކަށް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފް މިފަދައިން ވިދާޅުވެފައިވާއިރު، ރައްޔިތުން ޖަލްސާތައް ފެށުނު ފަހުން މަޖިލީހުގެ ރިޔާސަތު ގެންދަވާ ގޮތާއި މެދު ގިނަ މެމްބަރުންގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.

އޭގެ އިތުރުން ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވާހަކަ ދައްކަވާއިރު، އިދިކޮޅުގެ މެމްބަރުން އަޑުގަދަ ކުރުމާއި، މެމްބަރުންގެ ވާހަކައިގެ ތެރެއިން ރިޔާސަތު ބަލަހައްޓަވާ ބޭފުޅުން ވާހަކަ ދައްކަވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ.