އެތެރެހަށި ވިހަތަކުން ދުރުކޮށް ސާފުކޮށް ބެހެއްޓުމަކީ ކޮންމެ މީހަކު ވެސް އެދޭ، އެހާމެ މުހިއްމު ކަމެކެވެ. މިކަން ހާސިލް ކުރުމަށްޓަކައި ޕެކެޓްކޮށްފައި ހުންނަ ބުއިންތަކަށ ވުރެ ޤުދްރަތީ ޖޫސްތައް ބޭނުންކުރުމުން އޭގެ ފައިދާ އެތައް ގުނައެއް އިތުރުވެގެންދާކަން އެއީ ކަށަވަރުވާ ކަމެކެވެ.
އެހެންކަމުން މިފަހަރު މިބަލައިލަނީ، ހަށިގަޑުތެރޭގައި އުފެދޭ ވިހަ މާއްދާތައް ބޭރުކޮށްދިނުމުގައި އެހީތެރިއެއްގެ ރޯލު އަދާކުރާ އެންޓައި-އޮކްސިޑެންޓް މަތީ މިންވަރަކަށް އެކުލެވޭ، ހަށިގަނޑަށް ލުއިކަން ގެނެސްދިނުމުގައި ދެވަނައެއް ނެތްފަދަ ޖޫހެއް ކަމުގައިވާ "ލުނބޯ-އިނގުރު ޑިޓޮކްސް ޖޫސް" ތައްޔާރު ކުރާނެ ގޮތުގެ މައްޗަށެވެ.
މިބުއިމަކީ ހެނދުނުގެ ގަޑިތަކުގައި ވެސް އާދަކޮށް ބޭނުން ކުރެވިދާނެ، ވިޓަމިން-ސީ އާއި ހަކަތަ ލިއްބައިދޭ ބުއިމެކެވެ. އަދި މެޓަބޯލިޒަމް ނުވަތަ ހަށިގަނޑުން ބަރުދަން ލުއިކުރުމުގައި އެހީތެރިއެއްގެ ރޯލު މި ބުއިން އަދާކޮށްދޭނެ އެވެ.
ބޭނުންވާނެ ތަކެތި
- 1 ތަށި ސާފު ފެން
- 1 ސަމުސާ ލުނބޯ
- 1/2 އިންޗީގެ އިނގުރުކޮޅެއް.
ތައްޔާރު ކުރާނެގޮތް
އިނގުރުކޮޅު ގޭނުމަށް ފަހު ފެންތަށީގެ ތެރެއަށް ލުނބޯހުތާއެކު އިނގުރުކޮޅު އަޅައި ރަނގަޅަށް ގިރާލާށެވެ. ރަހަ ރަނގަޅު ކޮށްލުމަށް ޓަކައި އައިސް-ކިއުބް ކޮޅެއް ލުމުން ފުދޭނެ އެވެ.