ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާންގެ ފިލްމެއްގައި ހިމެނޭ ލަވައެއް ޒުވާން އެކްޓަރު ކާތިކް އާރިއަންގެ ކުރިއަށް އޮތް ފިލްމު "ޝެހެޒާދާ" ގައި ހިމެނުމުން ސަލްމާންގެ ފޭނުން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
މިމަހުގެ 17 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ "ޝެހެޒާދާ"ގައި ހިމެނޭ "ކެރެކްޓަރު ދީލާ 2.0" އަކީ 2011 ވަނަ އަހަރު ނެރުނު ސަލްމާންގެ "ރެޑީ" ގައި ހިމެނިގެން ދިޔަ ލަވައެކެވެ.
ކާތިކް ވަނީ "ކެރެކްޓާ ދީލާ" ލަވާގެ ޓީޒާ ޓްވިޓާގައި ހިއްސާކޮށްފަ އެވެ. ލަވައިގެ ޓީޒާ ދޫކޮށްލިތާ ހަމަ އެވަގުތު ސަލްމާންގެ ފޭނުން ވަނީ ކާތިކް އަށް ފާޑުކިޔާފަ އެވެ. ސަލްމާންގެ ފޭނުން ބުނީ ކާތިކް އުޅެނީ ސަލްމާން ކޮޕީ ކުރަން ވެގެން ކަމަށެވެ. އަދި ސަލްމާން ކޮޕީ ނުކުރުމަށް ފޭނުން ވަނީ ކާތިކް ކިބައިން އެދިފަ އެވެ.
މިކަމަށް ރައްދު ދީ ކާތިކް ބުނީ ލަވަ ނެރެދެން ވަކި އެއްޗެއް ނުކިޔާ މަޑުކޮށްލުމަށެވެ.
މިދިޔަ އަހަރު ރިލީޒްކުރި ކާތިކް" ގެ "ބޫލް ބުލައްޔާ 2" ގެ ޑައިރެކްޓަރު އަނީސް ބަޒްމީ ހެދި އެ ފިލްމުގައި ހިމެނޭ "ކެރެކްޓަރު ދީލާ" ލަވަ އަކީ ޕްރިތަމްގެ މިއުޒިކަށް ނީރަޖް ޝްރީދާރާއި އަމްރިތާ ކަކް ކިޔާފައި ލަވައެކެވެ. އެ ލަވައިން ސަލްމާނާ އެކީ "ރެޑީ" ގެ ހާއްސަ ފެނިލުމަކުން ޒަރީން ޚާން ވެސް ފެނިފައިވެ އެވެ.
ކާތިކްގެ "ކެރެކްޓަރު ދީލާ 2.0" ކިޔާފައި ވަނީ އޮރިޖިނަލް ލަވަ ވެސް ކިޔުނު ޝްރީދާރުގެ އިތުރުން ސްޓައިލް ބާއީ އެވެ. މި ލަވަ ސަލްމާނަށް ޓްރިބިއުޓެއްގެ ގޮތުގައި "ޝެހެޒާދާ" ގައި ހިމެނި އިރު، އެ ފިލްމުގެ ޑައިރެކްޓަރަކީ އެކްޓަރު ވަރޫން ދަވަންގެ ބޭބެ ރޯހިތު ދަވަނެވެ.
ބޮލީވުޑްގެ އެކްޓަރު ކާރްތިކް އާރިޔަންގެ ދެން އަންނަ ފިލްމު "ޝެހެޒާދާ" އަކީ އައްލޫ އަރްޖުން އާއި ޕޫޖާ ހެގްޑޭ ލީޑް ރޯލުން ފެނިގެންދާ "އަލާ ވައިކުންތަޕޫރްމުލޫ"ގެ ރީމޭކެވެ.