މިސްކިތްތަކުގައި ހިލޭ ސާބަހަށް ގުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގުމަށް އުޔޫން އިންސްޓިޓިއުޓް އާއި މާލެ ސިޓީ ކައުންސިލާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

މިއަދު މާލެ ސިޓީ ކައުންސިލުގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި މާލެ ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އަދި އުޔޫން އިންސްޓިޓިއުޓުގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޑރ. އަލީ ޒާހިރެވެ.

މި ފަހުމްނާމާއަކީ މާލޭ ސިޓީގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ތެރެއިން 18 އަހަރުން ދަށުގެ ކުޑަ ކުދިންގެ ތެރެއިން ޤުރުއާން ހިތުދަސްކުރުމަށް ބޭނުންވާ ކުދިންނަށް ޤުރުއާން ހިތުދަސްކުރުމުގެ ހުނަރު ދަސްކޮށްދީ ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގައިދިނުމަށް ބެނުންވާކަމަށް ވިދާޅުވެ މާލޭ ސިޓީ ކައުންސިލަށް އުޔޫން އިންސްޓިޓިއުޓްގެ ފަރާތުން ހުށަހެޅި ހުށަހެޅުމާބެހޭ ގޮތުން މާލޭ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި އެފަދަ ޤުރުއާން ކުލާސްތަކެއް ހިންގުމަކީ މާލޭ ސިޓީ ކައުންސިލުންވެސް އެދޭ އެދުމެއް ކަމުގައިވާތީ، މާލޭ ސިޓީގައި ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގުމަށް މާލޭ ސިޓީ ކައުންސިލާއި އުޔޫން އިންސްޓިޓިއުޓު އާއިދެމެދު މަޝްވަރާކުރެވި މި ހިތުދަސްކުރުމުގެ ކްލާސްތައް މާލޭ ސިޓީގައި ހިމެނޭ ހަތަރު މިސްކިތެއްގައި ހިންގުމަށް ދެފަރާތުގެ ޒިންމާތަކާއި މަސްއޫލިއްޔަތު ބަޔާން ކުރުމަށް ޤާއިމްކުރެވުނު ފަހުމްނާމާއެކެވެ.

އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އުޔޫން އިންސްޓިޓިއުޓްގެ އިސްނެގުމާއިއެކު މާލެ ސިޓީގައި ހިމެނޭ މިސްކިތްތަކުގެ ތެރެއިން ހަތަރު މިސްކިތެއްގައި ހިލޭ ސާބަހަށް ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.

މިފަހުމްނާމާގެ މަޤްސަދަކީ މާލޭ ސިޓީގައި ދިރިއުޅޭ 18 އަހަރުން ދަށުގެ ދިވެހި ކުޑަކުދިންގެ ތެރެއިން ޤުރުއާން ހިތުދަސްކުރުމަށް ބޭނުންވާ ކުދިންނަށް ޤުރުއާން ހިތުދަސްކުރުމުގެ ހުނަރު ދަސްކޮށްދީ ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގައި ޤުރުއާން ހިތުދަސްކުރުމަށް ބޭނުންވާ ކުދިންނަށް އެ ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.