އައްޑޫ ސިޓީ މަގުތައް ތާރުއަޅައިގެން ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތާއި މެދު ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވުމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އައްޑޫ ސިޓީއަށް ވަޑައިގެން މަޝްވަރާތައް ފަށައިފި އެވެ.

ރޭގެ ވަގުތެއްގައި މިނިސްޓަރު އަސްލަމް އައްޑޫ ސިޓީއަށް ވަޑައިގެންފައިވާއިރު މިއަދު ވަނީ އައްޑޫގެ މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ ކޮންޓްރެކްޓަރު އެފްކޮންސް އާއި ޕްރޮޖެކްޓް ކޮންސަލްޓަންޓް އަދި އައްޑޫ ސިޓީ ކައުންސިލާއެކު މަޝްވަރާތައް ބާއްވާފަ އެވެ.

މިމައްސަލަތަކަށް ހައްލެއް ލިބެންދެން މިނިސްޓަރު އަސްލަމް އައްޑޫ ސިޓީގައި ހަރަކާތެރިވާނެ އެވެ.

މަޝްވަރާތައް މިއަދު ހެނދުނު ކުރިއަށް ދިޔަ ގޮތާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލް އަދި މިނިސްޓަރު އަސްލަމްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އިންޑިއަން އެގްޒިމް ބޭންކްގެ 800 މިލިއަން ޔޫއެސް ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގާ އައްޑޫ މަގު ހެދުމުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ އެފްކޯންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާ އެވެ. 77.6 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 1.1 ބިލިއަން ދިވެހި ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢު 730 ދުވަސް ތެރޭގައި ނިންމަންޖެހެ އެވެ.

އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ގޮތުން އައްޑޫގެ ރައްޔިތުން ގެންދަނީ އެފްކޮންސް އަށް މިމަސައްކަތް ކުރެވިދާނެތޯ ސުވާލު އުފައްދަމުންނެވެ.