އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރުން އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އެމްޑީޕީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހަށް އެރުވުމަށް އަންނަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

"ކާނިވާގައި އެ ރަސްމިއްޔާތު ބޭއްވުމަށް މަސައްކަތް ކުރަމުން މިގެންދަނީ. އެ ދުވަހު ރައީސް އަށް ޓިކެޓް ހަވާލުކުރުން އޮންނާނެ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން ވަނީ ރައީސަށް ޓިކެޓް ހަވާލުކުރުމުގެ ޖަލްސާ އެތަނުގައި ބޭއްވުމަށް މާލެ ސިޓީ ކައުންސިލްގެ ހުއްދައަކަށް ވެސް އެދިފަ އެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި ރައީސް ސޯލިހްގެ ކެމްޕޭން ޓީމުގައި އިސްކޮށް އުޅުއްވި ހުސައިން ޝަމީމް (އަނދުން ހުސައިން) އިއްޔެ ވަނީ މި ޖަލްސާއަށް ތައްޔާރުވަމުންދާ ކަމަށް ބުނެ ޓުވީޓެއް ވެސް ކުރައްވާފަ އެވެ.

މިދިޔަ ޖެނުއަރީ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހަށް 61 ޕަސަންޓް -- 24،572 ވޯޓު ލިބިވަޑައިގެންނެވި އެވެ. ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،631 ވޯޓު -- 39 ޕަސަންޓެވެ.

ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު ރައީސް ސޯލިހު ވަނީ ތަފާތު ހިޔާލުތައް އެއް ފަރާތްކޮށް މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ރައީސް ނަޝީދަށާއި އެ ޕާޓީގެ ހުރިހާ މެމްބަރުން އެކުގައި މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގެ ތެރޭގައި ރައީސް ސޯލިހް ވަނީ އެމްޑީޕީގެ ޕްރައިމަރީ އަށް ވުރެ ފަސޭހައިން އެމަނިކުފާނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.