ނިޝާން އިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްހޫމް އުމަރު ޒާހިރުގެ ނަންފުޅަށް ނިސްބަތްކޮށް، ސަރުކާރުގެ އޮފީސް ޢިމާރާތެއް ހުޅުމާލޭގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުއްވައިދެއްވައިފި އެވެ.

އުމަރު ޒާހިރު ބިލްޑިންގެ ނަމުގައި ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގައި ހުޅުވި އިމާރާތުގައި ތިން މިނިސްޓްރީއެއް ހިންގާނެ އެވެ. މިއީ ވެރިރަށް މާލޭން ބޭރުގައި މިނިސްޓްރީގެ އޮފީސްތަކެއް ހިންގާ ފުރަތަމަ ފަހަރެވެ.

އޮފީސް އިމާރާތް ހުޅުއްވައި ދެއްވުމަށް ފަހު ރައީސް ވިދާޅުވީ މިއީ އުމަރު ޒާހިރުގެ ގައުމީ ޚިދުމަތުގެ ކުލަ ގަދަކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

އޮފީސް އިމާރާތް ހުޅުއްވައި ދެއްވައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވަނީ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރު، ދިވެހި ދައުލަތަށް އިޚްލާޞްތެރިކަމާއި އެކު ދިގުމުއްދަތެއްގައި ކޮށްދެއްވި ޚިދުމަތުގެ މައްޗަށް އަލި އަޅުއްވާލައްވައިފަ އެވެ. މިގޮތުން، އުމަރު ޒާހިރު އޮފީސް އިމާރާތް ބިނާކުރެވިފައި ހުރި، ހުޅުމާލެއަކީ، ޢުމަރު ޒާހިރުގެ ވަރަށް ރޭވުންތެރި މަސައްކަތްތަކަކާ އެކު ވުޖޫދުވެގެން އައި ރަށެއްކަން ފާހަގަކުރެއްވި އެވެ.

ސަރުކާރުގެ އޮފީސް އިމާރާތް، އުމަރު ޒާހިރު ބިލްޑިން ހުޅުއްވައިދެއްވުމަށް ފަހު ރައީސް މިއަދު ވާހަކަ ދައްކަވަނީ. --ފޮޓޯ:ރައީސް އޮފީސް

ރައީސްގެ ވާހަކަފުޅުގައި، ޢުމަރު ޒާހިރުގެ 49 އަހަރުގެ ޤައުމީ ޚިދުމަތް ފާހަގަކުރައްވައި ވިދާޅުވީ، ކާތިބެއްގެ ވަޒީފާއިން ޚިދުމަތް ފަށްޓަވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއާ މިނިސްޓަރު ކަމުގެ މަޤާމް ފުރުއްވައި އެމަނިކުފާނުގެ ޚިދުމަތް ނިންމަވައިލެއްވީ، ވަރަށް ހިތްޕުޅުހަމަޖެހިވަޑައިގެން ހުންނަވައި ކަމަށެވެ. އަދި އެމަނިކުފާނުގެ ހަޔާތްޕުޅުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ދިގު މުއްދަތެއްގެ ގައުމީ ޚިދުމަތް ބަލައިގެންފި ކަމުގެ އެއް ހެއްކަކީ، މި ޢިމާރާތް އެމަނިކުފާނުގެ ނަންފުޅަށް ޚާއްސަވެގެން ދިއުންކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ، ޢުމަރު ޒާހިރު ބިލްޑިން ހުޅުވިގެން މިދަނީ، މިފަދަ އިމާރާތެއްގެ ބޭނުންތެރިކަން ވަރަށް ބޮޑުވެފައިވާ ދުވަސްވަރެއްގައި ކަމަށެވެ. މިގޮތުން ސަރުކާރުގެ އޮފީސް އިމާރާތްތަކުގެ ތެރެއިން، ހުރަވީ ބިލްޑިން ބާވެ މިހާރު ތަޅާލާފައި ވާއިރު، ޣާޒީ ބިލްޑިން ވެސް ހުރީ ވަރަށް ބޮޑަށް ބާވެ ބޭނުން ނުކުރެވޭވަރުވެފައިކަން ރައީސް ފާހަގަކުރެއްވި އެވެ.

ސަރުކާރުގެ އޮފީސް އިމާރާތް، އުމަރު ޒާހިރު ބިލްޑިން ރައީސް މިއަދު ހުޅުއްވައިދެއްވުމަށް ފަހު ބައެއް މިނިސްޓަރުންނާ އެކު. --ފޮޓޯ:ރައީސް އޮފީސް

ސަރުކާރުގެ ގިނަ އޮފީސްތަކެއް މިހާރު ވެސް ހިންގަމުން އަންނަނީ ކުލީ އިމާރާތްތަކުގައިކަމަށް ވުމާ އެކު ކުއްޔަށް ދައުލަތުގެ ބަޖެޓުން ބޮޑުހޭދައެއް ކުރައްވަންޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއަދު ހުޅުވިގެން ދިޔަ މި އިމާރާތުގެ އެންމެ ބޮޑު ބޭނުމަކީ، އެ ދަތިކަމަށް ހައްލެއް ހޯއްދެވުން ކަމަށެވެ. އަދި މި އިމާރާތުގައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، މިނިސްޓްރީ އޮފް ޖެންޑަ، ފެމިލީ އެންޑް ސޯޝަލް ސަވިސަސް އަދި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ ބަދަލުކުރެވިގެން ދާއިރު، އެކަމުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ، ކުލީ އިމާރާތްތަކުގައި ސަރުކާރުގެ އޮފީސްތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ޚަރަދުން ބޮޑު ބައެއް ސަލާމަތްވުންކަމުގައި ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ އޮފީސް އިމާރާތް، އުމަރު ޒާހިރު ބިލްޑިން ރައީސް މިއަދު ހުޅުއްވައިދެއްވުމަށް ފަހު އޮފީސް އިމާރާތް ބައްލަވާލައްވަނީ. --ފޮޓޯ:ރައީސް އޮފީސް

އުމަރު ޒާހިރު އޮފީސް އިމާރާތަކީ ހަ ފަންގިފިލާގެ އިމާރާތެކެވެ. އަދި ކޮންމެ ފަންގިފިލާއެއްގައި ޒަމާނީ ވަސީލަތްތަކާ އެކު 25،000 އަކަފޫޓުގެ ބޮޑުމިނުގައި އޮފީސް ހިންގުމަށް ޖާގަ ހިމެނެ އެވެ. މި އޮފީސް ޢިމާރާތާ އެކު 21 ކާރާއި، 360 ސައިކަލް ޕާކު ކުރެވޭނެ ޕާކިން ޒޯނެއް ވެސް ވަނީ ޤާއިމްކޮށްފަ އެވެ.