އެމްޑީޕީން މިދިޔަ މަހު ބޭއްވި ރިޔާސީ ޕްރައިމަރީ ބާތިލްކޮށް ދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ރައީސް ނަޝީދުގެ ފެކްޝަނުންނެވެ.

އެމްޑީޕީގެ ޕްރައިމަރީ ބާތިލް ކޮށްދިނުމަށް އެދި މީގެ ކުރިން ވެސް ވަނީ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އެދިފައިވަނީ އެމްޑީޕީން މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި ޕްރައިމަރީ ބާތިލް ކޮށްދިނުމަށާއި މި އަންނަ ހުކުރު ދުވަހުގެ ރޭ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަށް ރިޔާސީ ޓިކެޓު އެރުވުމަށް ބާއްވާ ޖަލްސާ ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެ ދިނުމަށެވެ. އަދި ޕްރައިމަރީ އާއި ދިމާކޮށް އެމްޑީޕީން 39،000 މެމްބަރުން ވަކިކުރި މައްސަލަ ބަލައި ދިނުމަށް ވެސް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވެ އެވެ.

މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅުއްވާފައިވަނީ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު ހާމިދު އަބްދުލްޣަފޫރެވެ.

އެމްޑީޕީގެ ޕްރައިމަރީ ރައީސް ސޯލިހް ކާމިޔާބު ކުރައްވާފައިވާއިރު އަންނަ ހުކުރު ދުވަހު އެމަނިކުފާނަށް ރިޔާސީ ޓިކެޓު އެރުވުމަށް ބޮޑު ޖަލްސާއެއް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

މީގެ އިތުރުން ޕާޓީތަކާ އެކު ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އެހެން ޕާޓީތަކާ އެކު މަޝްވަރާ ކުރުމުގެ ބާރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިރޭ ވަނީ ދީފަ އެވެ.

މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރު ފާސްކުރީ ހާޒިރުވި 85 މެމްބަރުންގެ ތެރެއިން 81 މެމްބަރުންގެ ވޯޓުންނެވެ. ހަތަރު މެމްބަރަކު ވަކި ގޮތަކަށް ވޯޓު ނުދެއްވަ އެވެ.

މިދިޔަ މަހު 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދާ ވާދަކުރައްވައި ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް ސޯލިހެވެ. ޕްރައިމަރީގައި ރައީސަށް 61 ޕަސެންޓް ވޯޓު ލިބިވަޑައިގެންނެވި އިރު، ނަޝީދަށް ލިބިވަޑައިގަތީ 39 ޕަސެންޓެވެ.