ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޖަލްސާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ބޮއިކޮޓް ކޮށްފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޖަލްސާއަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަޑައިގެންފައި އެއް ނުވެ އެވެ. އަދި ރައީސް ނަޝީދު ފެކްޝަންގެ އެއްވެސް ބޭފުޅެއް ވެސް ވަޑައިގެންފައެއް ނުވެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވެވަޑައިގަތުމުން ނަޝީދު ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް އުފައްދަވާފަ އެވެ.

އެ ފެކްޝަނަށް މިހާތަނަށް 50،000 މެންބަރުން ސޮއިކޮށްފައިވާ ކަމަށް ނަޝީދުގެ ސަޕޯޓަރުން އަންނަނީ ބުނަމުންނެވެ. ނަމަވެސް އެކަމުގެ ހެއްކެއް ދެއްކިފައެއް ނުވެ އެވެ.

މިރޭގެ ޖަލްސާ ރައީސް ނަޝީދު ފެކްޝަންގެ އެއްވެސް ބޭފުޅެއް ވަޑައިގެންފައި ނުވާއިރު މިމަހުގެ 15 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖްލިސް ވެސް ރައީސް ނަޝިދު ފެކްޝަން އިން ވަނީ ބޮއިކޮޓް ކޮށްފައި އެވެ.

އެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖްލިސް އަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީތަކާއި މަޝްވަރާކޮށް ކޯލިޝަނަކުން ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކުރުމަށް ކުރަން މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ބާރު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސޯލިހު އަށް ދެއްވުމަސް ބޭއްވި ޖަލްސާ އެކެވެ. އެރޭގެ ޖަލްސާގައި ރައީސް ސޯލިހު އަށް މަޝްވަރާ ކުރުމުގެ ބާރު ދިނުމަށްވެސް ވަނީ ފާސްކޮށްފައި އެވެ.