މަސްވެރިކަމުގެ ޞިނާޢަތަށްވެސް އެންމެ ފައިދާ ހުރި ގޮތަކީ، ފަތުރުވެރިކަމެކޭ އެއްގޮތަށް، އެވިޔަފާރިން ސަރުކާރު ނުކުމެ، އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް ދޫކޮށްލުން ކަމަށާއި ނަމަވެސް މިވަގުތަކީ އެކަން އެގޮތަށް ކުރަން އެންމެ ރަނގަޅު ވަގުތުކަމަށް ގަބޫލު ނުކުރެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އެއްވައިވަންތަ ކަމުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިވަގުތު މަސްވެރިކަމުން ސަރުކާރު ނުކުމެއްޖެނަމަ މަސްވެރިކަމަށް ބޮޑެތި ލޯނުތައް ނަގައި އިންވެސްޓްކޮށްގެން ތިބި އެތައް އޮޑިވެރިންނެއް ބަނގުރޫޓުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
ރައީސް ވިދާޅުވީ އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް މަސްވެރިކަމުގެ ޞިނާޢަތް ދޫކޮށްލުމަށްޓަކައި، މީގެ އަހަރުތަކެއް ކުރިން ސަރުކާރުން މަސައްކަތްތަކެއް ކުރި ކަމަށާއި އެކަމަށް ވަރަށް ގިނަ ލުއިތަކެއް ވެސް ދިން ކަމަށެވެ. ނަމަވެސް، މަސްވެރިންގެ ޝަކުވާތައް ދިޔައީ، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ކަމަށާއި ސަރިކާރުން ދަނީ މަސްވެރިންގެ ޝަކުވާތައް އަޑުއަހައި އެ ޝަކުވާތަކަށް ޙައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސިޔާސަތަކީ، މަސްވެރިންނަށް އެންމެ ފައިދާ ހުރި ގޮތަށް މިޞިނާޢަތު ބައްޓަންކުރުން" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިފްކޯ ބޮޑު ގެއްލުމެއްގައި ހިންގާތާ އެތައް އަހަރެއްވެއްޖެ ކަމަށާއި ވެއަތުވެދިޔަ ދެ އަހަރުގެ ތެރޭގައިވެސް، ސަރުކާރާއި އެސްޓީއޯ އިން މިފްކޯއަށް 571 މިލިއަން ރުފިޔާ ދިން ކަމަށެވެ. އެކަން އެގޮތަށް ކުރަންޖެހުނީ، މަސްވެރިންނަށް ލިބޭ އާމްދަނީ ހުއްޓުމަކަށް އަޔަނުދިނުމަށްޓަކައި ކަމަށް ރައީސް ވިދާޅުވި އެވެ.
"މިދިޔަ އަހަރަކީ، މިފްކޯގެ ވެއަތުވެދިޔަ 14 އަހަރުގެ ތާރީޚުގައިވެސް، އެންމެ ގިނައިން މަސް ގަތް އަހަރު. އެއީ، 48494 ޓަނުގެ މަސް. އަދި އެންމެ ގިނަ ފައިސާ މަސްވެރިންނަށް ދީފައިވަނީ ވެސް މިދިޔަ 2019 ވަނަ އަހަރު. އެ އަހަރުގެ ތެރޭގައި، މަހުގެ އަގުގެ ގޮތުގައި މިފްކޯއިން މަސްވެރިންނަށް 903.7 މިލިއަން ރުފިޔާ ދޫކުރި. އާދެ، 1 ބިލިއަން ރުފިޔާއާ ގާތްކުރާ ޢަދަދެއްގެ ފައިސާ މިވަނީ ދެވިފައި،" ރައީސް ވިދާޅުވިއެވެ.
މިހިނގާ 2020 ވަނަ އަހަރުގެ މިހާތަނަށް، މަސްވެރިންގެ އަތުން 44510 ޓަނުގެ މަސް މިފްކޯއަށް ގަނެ، 840.31 މިލިއަން ރުފިޔާވަނީ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށާއި މިސަރުކާރު ފެށުމާއެކު، މިފްކޯއަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.