އެމްޑީޕީއަށް މި ދަނޑިވަޅުގައި ބޭނުންވަނީ އާ ފިކުރެއް ނޫން ކަމަށާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއި ގުޅިވަޑައިގަތުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ގޮވާލައްވައިފި އެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް ސޯލިހު އަށް ދެއްވުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އަސްލަމް ވިދާޅުވީ އެމްޑީޕީއަށް މިވަގުތު އައު ފިކުރެއް ބޭނުން ނުވާ ކަމަށެވެ.
އަސްލަމް ވިދާޅުވީ ރައީސް ސޯލިހު އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ރާއްޖޭގައި ވެރިކަން ކުރައްވާތާ 4 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަމަށާއި، ރައީސް ސާލިހަށް ދެވަނަ ދައުރެއްދިނުމަށް އެމްޑީޕީގެ މެމްބަރުން ބެނުންވާ ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމެއް ދެމިއޮތުމަކީވެސް ޕާޓީގެ މެންބަރުން އެދޭ ގޮތް ކަމަށް އަސްލަމް ވިދާޅުވި އެވެ.
އެންމެން އެކުގައި މަސައްކަތް ކުރުމަކީ މިދަނޑިވަޅުގައި ވަރަށް މުހިންމު ކަމެއް ކަމަށާ ރާއްޖެއަށްވެސް އެންމެ ފައިދާވާނީ އެމްޑީޕީގައި ވެރިކަން އޮވެގެން ކަމަށް އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ވަންހަނާވެގެންވާ ފިކުރެއްގެ ވާހަކަދެއްކެވުން ހުއްޓާލެއްވުމަށްފަހު އެމްޑީޕީ ކުރިއަށް ގެންދިއުމަށްޓަކައި ރައީސް ސޯލިހާއި ގުޅިވަޑައިގަތުމަށެވެ. ރައީސް ނަޝީދު ނެތް ކަމުގެ ފަޅު އިހުސާސް ކުރެވޭ ކަމަށާ މިހާރުވެސް އައު ފިކުރެއްގެ ވާހަކަ ދެއްކުން ހުއްޓާލުމަށް ފަހު ވާދަވެރި ކެންޑިޑޭޓް ރައީސް ސޯލިހުއާއި ގުޅިވަޑައިގަތުމަށް އެދޭ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ބޭނުންވަނީ އައު ފިކުރެއް ނޫން ކަމަށް އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ކުރިއަށް އޮތް އިންތިހާބަކީ ވެސް އެމްޑީޕީއަށް ވަރަށް މުހިންމު އިންތިހާބެއް ކަމަށެވެ. އެހެންވީމާ އެންމެން އެކުގައި މި އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ރައީސް ނަޝީދު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ވަކި ފެކްޝަނެއް އުފެއްދެވުމަށް ނިންމެވީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގަތުމުން، މިދިޔަ މަހުގެ 30 ވަނަ ދުވަހު އެމަނިކުފާނުގެ ސަޕޯޓަރުންނާއެކު ބޭއްވެވި ބައްދަލުވުމަކަށް ފަހު އެވެ. ސިޔާސީ ހަރަކާތެއް ހިންގުމަށް ވަކި ފެކްޝަނެއް އުފެއްދުމަށް އެމްޑީޕީގެ އަސާސީ ގަވައިދުން ޖާގަ ލިބެ އެވެ.