ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީން ކޯލިޝަނަކާ އެކު އެއްބުރުން ކާމިޔާބު ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް އާއި ނިޔާޒް ރޭ ވަނީ ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހީމްއާ ސަން އައިލެންޑް ރިސޯޓުގައި ބައްދަލު ކުރައްވައިފަ އެވެ.
ބައްދަލުވުމަށް ފަހު ނިޔާޒް ކުރެއްވި ޓްވީޓްއެއްގައި ވިދަޅުވީ ގާސިމް އިބްރާހީމް އާ އެކު ބޭއްވީ ވަރަށް އުންމީދީ ބައްދަލު ވުމެއް ކަމަށެވެ. އަދި ބައްދަލުވުމުގައި މަޝްވަރާ ކުރި ކަންކަން ދިޔައީ ވަރަށް ޕްޒިޓިވްކޮށް ކަމަށެވެ.
ނިޔާޒް ވިދާޅުވީ އިރާދަކުރެއްވިއްޔާ ކޯލިޝަނާ އެކު އެމް.ޑީ.ޕީން ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރާނެ މަގަށް މިސްރާބް މިހުރީ ޖަހާފައި ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާ އެކު ރައީސް ސޯލިހުގެ އަރިސް ބޭފުޅުންތަކެއް ބައްދަލު ކުރައްވާފައިވީ ނަމަވެސް، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާނީ ކޯލިޝަނަކާ އެކު ކަމެއް އަދި ނުނިންމަ އެވެ. ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރާނީ ކޯލިޝަނަކާ އެކުތޯ ނިންމާއި އަންނަ ހަފްތާގައި އެޕާޓީން ބާއްވާ ކޮންގްރެސްގަ އެވެ.
ރިޔާސީ އިންތިހާބުގައި އެމްޑީޕީން ކޯލިޝަނަކާ އެކު ކުރިއަށް ދިއުމަށް ޕާޓީތަކާ އެކު މަޝްވަރާ ކުރުމުގެ ބާރު މިހާރު ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ދީފަ އެވެ. މިގޮތަށް ނިންމީ މިދިޔަ ހަފްތާގައި އެމްޑީޕީން ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުންނެވެ.