ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާއި ގުޅޭގޮތުން ރައީސް އިބްޜާހީމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅާއި ގުޅިގެން އަދާލަތު ޕާޓީން ގޮތް ނިންމަން މަޝަވަރާ ބައްދަލުވުން ފަށައިފި އެވެ.
އަދާލަތު ޕާޓީގެ ކުއްލި ބައްދަލުވުމުގެ އެޖެންޑާއަކީ އެމްޑީޕީއާ އެކު އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ މަޝްވަރާ އަށް އެދިވަޑައިގެން ސިޔާސީ ޕާޓީތަކަށް ރައީސް ސޯލިހު އިއްޔެ ފޮނުއްވި ސިޓީ އަށް މަޝްވަރާކުރުމެވެ.
އަދާލަތު ޕާޓީން ބުނީ ރައީސް ފޮނުއްވި ސިޓީފުޅާއި މެދު މިރޭގެ މަޖިލީހުން ގޮތެއް ކަނޑައަޅާނެ ކަމަށެވެ.
ރައީސް ސޯލިހު ކޯލިޝަންގައި ހިމެނޭ ޕާޓިތަކަށް ފޮނުއްވި ސިޓީގައި ވަނީ މިހާރު ވެސް ކޯލިޝަންގައި ހިމެނޭ ޕާޓިތަކާ އެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ބޭނުންފުޅުވާކަމަށެވެ.
ރައީސްގެ ސިޓީފުޅެއް ކޯލިޝަންގެ ޕާޓީތަކަށް ފޮނުއްވި އިރު އެމްޑީޕީން ރިޔާސީ އިންތިހާބުގައި ވާދަ ކުރާނީ ކޯލިޝަނަކާ އެކު ކަމަށް ރައީސްވެސް ވަނީ ވިދާޅުވެފައި އެވެ. އަދި ކޯލިޝަނަކާ އެކު އެމްޑީޕީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕާޓީތަކާ އެކު މަޝްވަރާ ކުރުމުގެ ބާރު ވަނީ އެމްޑީޕީން ރައީސް ސޯލިހަށް ދެއްވާފައި އެވެ.
އަދި ރައީސްގެ އަރިސް ދެ ބޭފުޅުން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު އާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ ރޭ ސަން އައިލެންޑް ރިސޯޓުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ބައްދަލުކުރައްވާފައެވެ.