ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ޖަލު ހުކުމް ހައިކޯޓުގައި މިއަދު އިސްތިއުނާފް ކޮށްފި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ފަސް މިލިއަށް ރުފިޔާގެ ޖޫރިމަނާ އެއްކޮށް ހުކުމް އިއްވާފައި ވަނީ މިދިޔަ އަހަރުގެ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި އެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައި ވަނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.
މި މައްސަލަ ރައީސް ޔާމީންގެ ފަރަތުން މިއަދު ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި އެވެ. އެހެން ނަމަވެސް އަދި ހައި ކޯޓުން އެމައްސަލަ އާ މެދު ގޮތެއް ނުނިންމަ އެވެ.
ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހުންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖާމީލް އަހުމަދު ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފް ކޮށްފައިވާ ކަމަށެވެ. ރާއްޖޭގައި ރޫލް އޮފް ލޯ ނެގެހެއްޓޭނީ ސަރުކާރުގެ ނުފޫޒުން މިނިވަން ވެފައިވާ ޖުޑިޝަރީއެއް އޮވެގެން ކަމަށް ޖަމީލް ވިދާޅުވި އެވެ.
އަދި ވަކި ހުކުމެއް ކުރާތީ ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމާ އޯޑިއޯތައް ލީކުވުން ފަދަ ކަންތައް ގޯސް ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.
ޑރ. ޖަމީލް ވިދާޅުވީ މިމައްސަލަ ހައިކޯޓުގައި ކާމިޔާބުވާނެ ކަމަށެވެ.
ރައީސް ޔާމީންގެ ގާނޫނީ ޓީމުން މީގެ ކުރިން ބުނެފައި ވަނީ ހައިކޯޓުން ރައީސް ޔާމީން މިނިވަން ވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް މި ހުކުމް ކުރުމާ ގުޅިގެން އެމަނިކުފާނަށް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލިފައި އެވެ. އެހެންނަމަވެސް ހައިކޯޓުން އެ ހުކުމް ބާތިލް ކޮށްފި ނަމަ އަލުން ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ އެވެ.