ފުރަތަމަ އެކަން ކުރެވެނީ ފޫހިވެގެންނެވެ. ފޫހިވެފައި އިންނައިރު އަތުގައި އޮންނަ އެއްޗެއް އަނގައަށް ލައިގެން ހަފާލަ ހަފާލަ އިނދެވެ އެވެ. ނޭނގި ތިއްބާ އެކަން ބަދަލުވަނީ އާދަ އަކަށެވެ. އާދަޔާ ޚިޔާފު އާދަ އަކަށެވެ.

ދައްކަން މިއުޅެނީ އަހަރުމެންގެ ތެރެއިން ބައެއް މީހުން ކާބޯތަކެތީގެ އިތުރުން ހަޖަމު ނުވާފަދަ އެއްޗެހި ކާ ވާހަކަ އެވެ. ގަނޑުފެނާއި ޗޯކާއި ފުހޭ ރަބަރުފަދަ ތަކެއްޗެވެ. ބައެއް މީހުން މިފަދަ ތަކެތި ކައިއުޅެނީ ކާހިތުން ބޭނުން ވެގެންނެވެ. އެއީ ކީއްވެގެން ހެއްޔެވެ؟

ނިއުޓްރަނިޝްޓުން ވިދާޅުވާ ގޮތުގައި މިފަދަ ތަކެތި ކާހިތްވުމުގެ ފަހަތުގައި ވަނީ ހަށިގަނޑުގައި ދަގަނޑުގެ ބައި މަދު ވުމެވެ. އޭގެ ސަބަބުން އާދަޔާޚިލާފު ތަކެތި ކާހިތްވެ އެވެ.

އޭގެ އިތުރުން މިކަމަށް މަގުފަހި ކުރުވާ ކަމެއް ކަމުގައި ޑޮކްޓަރުން ފާހަގަ ކުރައްވާފައިވަނީ ޕިކާ ނަމަކަށް ކިޔާ އާދަޔާޚިލާފު ކެއުމުގެ ބައްޔެކެވެ.

ޕިކާއަކީ އިންސާނާގެ ހަޖަމުކުރާ ނިޒާމުން ހަޖަމު ނުކުރެވޭ ފަދަ ތަކެތި ކެއުމަށް ހިތް ޖައްސާ އާދަޔާ ހިލާފް ބައްޔެކެވެ. އޭގެ ތެރޭގައި ޗޯކާއި ކަރުދާހާއި ސައިބޯނި އަދި އިސްތަށިފަދަ ތަކެތި ހިމެނެ އެވެ.

ޕިކާއަށް މަގުފަހިވާ މައިގަނޑު ސަބަބަކީ ދަގަނޑުގެ ބައި މަދުވުން ކަމަށްވާއިރު މިކަމުގެ ފަރުވާއަކީ ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ ބައި ލިއްބައިދިނުމެވެ.

އެހެން ކަމުން އާދަޔާޚިލާފު އެއްޗެހި ކާހިތްވާނަމަ ހަށިގަނޑުގައި ދަގަނޑުގެ ބައި ހުރި މިންވަރު ބަލާ ޗެކް ކޮށްލުން ރަނގަޅުވާނެ އެވެ.