އެމެރިކާގެ ފްލޮރިޑާއަށް ނިސްބަތްވާ ނޫސްވެރިޔަކު އޮން އެއާގައި މަރުގެ ހަބަރެއް ރިޕޯޓު ކުރަމުން ދަނިކޮށް ބަޑިން ހަމަލާދީ މަރާލައިފި އެވެ.

މިދިޔަ ބުދަ ދުވަހު ދިން މި ހަމަލާގައި ހަބަރު ރިޕޯޓުކުރަން ތިބި ކްރޫންގެ ތެރެއިން އެކަކު މަރުވިއިރު، އިތުރު މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުން ފަރުވާ ދީފައިވެ އެވެ.

ހަބަރު ގެނެސްދެމުން ދިޔަ ކްރޫންނަށް ހަމަލާ ދިނުމަށްފަހު، ހަމަލާ ދިން މީހާ ވަނީ އެ ހިސާބުގައި ހުރި ގެއަކަށް ވަދެ އަންހެނަކާއި އޭނާގެ ދަރިފުޅު ވެސް މަރާލާފަ އެވެ.

މިހަމަލާ ދިން ވަގުތު އެ މަންޒަރު ޓީވީއިން ވަގުތުން ދައްކަމުން ދިޔައިރު އޭގެ ކުޑައިރުކޮޅެއް ފަހުންކަމަށް ހަމަލާ ދިން ކަމަށް ޝައްކުކުރެވޭ އުމުރުން 19 އަހަރުގެ ކެއިތު މެލްވިން ވަނީ ހައްޔަރު ކުރެވިފަ އެވެ.

ފުލުހުން ބުނާ ގޮތުގައި ހަމަލާ އަމާޒުވި ޓީވީ ސްޓޭޝަންއަކީ ފްލޮރިޑާގެ އޯލާންޑޯގައި އޮޕަރޭޓްކުރާ ނިއުސް 13 ނަމަކަށް ކިޔާ ސްޓޭޝަން އެކެވެ.

މި ހަމަލާގައި މަރުވި ތިން މީހުންގެ ތަފްސީލު ފުލުހުން ޔަގީން ކޮށްދީފައެއް ނުވެ އެވެ.

ފުލުހުން އިތުރަށް ބުނީ ތުހުމަތު ކުރެވޭ މެލްވިންއަކީ ކުށުގެ ރެކޯޑު އޮތް މީހެއް ކަމަށާއި މި މައްސަލަ އެންމެ ފުނަށް ތަހުގީގު ކުރާނެ ކަމަށެވެ. މި ހާދިސާއާ ގުޅިގެން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން ވަނީ ޓްވިޓާގައި ތައުޒިޔާގެ މެސެޖެއް އާއްމުކޮށްފަ އެވެ.