ނޫމަޑި މައްސަލާގައި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދޮގު ބަޔާން ދިނުމުގެ ދައުވާގައި މުއިއްޒުގެ ފަރަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނަގައިފި.

މުއިއްޒުގެ ފަރާތުން ގިނަ އަދަދެއްގެ ދިފާއީ ހެކިން ހުށަހަޅާފައި ވެއެވެ. އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި މިނިސްޓްރީގެ ބައެއް ބޭފުޅުން ހެކިބަސް ދެއްވި އެވެ.

މުއިއްޒުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ ދޮގު ބަޔާން ދީފައިވާ ކަމަށް ބުނެ އެވެ.

މިއަދުގެ ޝަރީއަތުގައި ހެކިބަސް ދެއްވަމުން ޖިހާދު ވިދާޅުވީ، އިކޮނޮމިކް ޔޫތު ކައުންސިލްގެ ޔައުމިއްޔާތަކުގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުން ސޮއިކުރުމަކީ ލާޒިމް ކަމެއް ކަމަށެވެ. ސޮއި ނުކޮށް އޮންނަ ޔައުމިއްޔާއެއް ސައްހަ ނުވާނެ ކަމަށް ޖިހާދު ވިދާޅުވި އެވެ.

ދެން ހެކި ބަސް ދިނީ ހައުސިން މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު މާހިދް ޝަރީފެވެ.ހެކިބަސް ދެމުން އޭނާ ބުނީ ކޮންމެ ދުވަހަކު މުއިއްޒު ސޮއި ކުރައްވާތަން ފެންނަ ކަމަށެވެ. އަދި މުއިއްޒު ސޮއިކޮށްފައި އޮތް ސިޓީއެއް ބެލުމަށްފަހު އެއީ މުއިއްޒުގެ ސޮއިކަން އޭނާ ކަށަވަރުކޮށްދިން ނަމަވެސް އިކޮނޮމިކް ޔުތު ކައުންސިލްގެ ދެ ޔައުމިއްޔާއެއް ބެލުމަށްފަހު އެއީ މުއިއްޒުގެ ސޮއި ނޫންކަން އޭނާ ޔަގީންކޮށްދިނެވެ.

މީގެ އިތުރަށް މުއިއްޒު ހުސަހެޅުއްވި ހަތަރު ހެކިވެރީންގެ ހެކިބަސް ނުނަގަން މުއިއްޒުގެ ވަކީލުން ވަނީ ނިންމާފައި އެވެ.

ނޫމަޑިއަށް ޕްރޮޖެކްޓު ނިންމުމުން ލިބެން އޮތް ޅ. ދިއްފުށިމާދޫ އަތުލުމަށް އޭރުގެ އިކޮނޮމިކް ކައުންސިލުން ނިންމި ޖަލްސާގެ ޔައުމިއްޔާގެ ސައްހަކަން ސާބިތުކުރުމާ ގުޅޭގޮތުން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް މިދިޔަ ހަފްތާ ވަނީ ނަގަފައި އެވެ.

މުއިއްޒުއަކީ އޭރުގެ އިކޮނޮމިކް ކައުންސިލުގައި ހިމެނި ވަޑައިގަންނަވާ ބޭފުޅެއް ނޫން ނަމަވެސް މުއިއްޒު އޭރު ބޭއްވި ޖަލްސާ ތަކުގައި ބައިވެރިވެވަޑައިގަތީ ހައުސިން މަޝްރޫއަކާ ބެހޭ ބައްދަލުވުމަކަށްވާތީ އެކަމާ ގުޅޭ މައުލޫމާތު ދެއްވުމަށް ހެކިވެރިން ބުންޏެވެ. އަދި ޖަލްސާ ތަކުގައި ނިންމި ނިންމުންތަކުގައި މުއިއްޒުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށްވެސް ހެކިވެރިން ބުންޏެވެ.