ފުލުހުންގެ ހިދުމަތަށް އަލަށް ވަންނަ ފަރާތްތަކުގެ ބެކްގްރައުންޑް ޗެކް ހަދަން ނުޖެހޭ ގޮތަށް ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި އިސްލާހް މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުހައްމަދު އަސްލަމް އެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި މި އިސްލާހަށް ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ފުލުހުންގެ ހިދުމަތަށް އަލަށް ގުޅޭ ފަރާތްތަކަކީ ސަލާމަތީ ހިދުމަތެއްގައި ވަޒީފާ އަދާކުރަން އެކަށީގެންވާ ފަރާތެއްތޯ ބެލުމަށްޓަކައި ފުލުހުންގެ ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ބެކްގްރައުންޑް ޗެކް ހެދުމަށް ލާޒިމް ކުރާކަމަށެވެ. އެގޮތަށް ބެކްގްރައުންޑް ޗެކެއް ހެދުމަކީ އެކަށީގެންވާ ކަމެއްކަމަށް ނުވެދާނެކަމަށާއި އެހެންކަމުން ގާނޫނުގެ 17 ވަނަ މާއްދާގައި ބުނާ ބެކްގްރައުންޑް ޗެކް ހެދުމުގެ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންތައްތަކަކީ ލާޒިމްކަމެއް ނޫންކަމަށް ހެދުމަށް ގާނޫނު އިސްލާހު ހުށަހަޅާކަމަށެވެ.

17 ވަނަ މާއްދާގެ އިތުރުން ދެން އިސްލާހްކުރަން ހުށަހަޅާފައިވަނީ 100 ވަނަ މާއްދާގެ (ކ)އެވެ. އެ މާއްދާގެ އެ އަކުރުގައި ވަނީ ތަހްގީގުތައް ކުރާ ފުލުހުން ފުރިހަމަ ކުރަން ޖެހޭ ތަމްރީނުތައް ދެ އަހަރުގެ މުއްދަތުގެ ތެރޭގައި ފުރިހަމަ ކުރަން ޖެހޭކަމަށެވެ. އަސްލަމް ވިދާޅުވީ ދެ އަހަރުގެ މުއްދަތެއްގެ ތެރޭގައި އެ ތަމްރީނުތައް ހަދާ ނިންމިދާނެކަމަށް ނުބެލެވޭކަމަށާއި އެހެންކަމުން އެ މުއްދަތު އިތުރު ކުރަން ހުށަހަޅާކަމަށެވެ. އެހެންކަމުން އަސްލަމް ހުށައަޅުއްވާފައިވަނީ އިތުރު އެއް އަހަރުގެ މުއްދަތެއް ކަނޑައަޅާ ތަހްގީގުތައް ފުރިހަމަ ކުރަން ޖެހެނީ 27 މާޗް 2024 ގެ ކުރިންކަމަށް ކަނޑައެޅުމަށެވެ.