އިރުގެ ދޯދި ތަކުން ވިޓަމިން ޑީ ލިބޭކަމީ މީގެ ކުރިންވެސް ހޯދިފައިވާ ހޯދުމެކެވެ. ނަމަވެސް އިރުގެ ދޯދިތަކުން ހަށިގަނޑަށް ވިޓަމިން ޑީ ލިބުމުގެ އިތުރުން ހަށިގަނޑުގެ ކޮލެސްޓްރޯލް މިންވަރު ވެސް ދަށްކޮށްދޭ ކަމަށް ދިރާސާއަކުން މިހާރު ވަނީ ދައްކައިފަ އެވެ.
200 ފިރިހެނުން ބައިވެރިކޮށްގެން އި އިނގިރޭސިވިލާތުގެ މެންޗެސްޓާ ޗިލްޑްރެންސް ހޮސްޕިޓަލުން ހެދި އެ ދިރާސާގައި ބައިވެރިވި ފިރިހެނުންގެ ތެރެއިން ހަ މަސް ދުވަހު އިރުގެ ދޯދިތައް ހޯދި މީހުންގެ ހަށިގަނޑުން ކޮލެސްޓްރޯލް ލެވެލް ދަށްވެފައިވާ ކަމަށް ވަނީ ދައްކާފަ އެވެ.
ހަށިގަނޑުން ވިޓަމިން ޑީ މަދުވުމަކީ ބައެއް ގައުމުތަކުގައި އާންމު ކަމެކެވެ. އެކަން އެގޮތަށް ވަނީ އިރުގެ ދޯދިތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތުން ކަމުގައި ދިރާސާ ހެދުމުގައި ބައިވެރިވި ޑޮކްޓަރުން ވިދާޅުވި އެވެ.
އިރުގެ ދޯދީގެ ސަބަބުން ކޮލެސްޓްރޯލް ދަށްކޮށްދޭ ކަމަށް ދިރާސާއަކުން ދައްކާއިރު، ކޮންމެ ކޮންމެ ވަގުތެއްގައި އިރުގެ އަތްވަށް އިންސާނުން ނުކުތުމަކީ ރައްކާތެރި ގޮތެއް ނޫންކަމުގައި ބައެއް ދިރާސާތަކުން ދައްކަ އެވެ.
އެގޮތުން އިރުގެ އަތްވަށް ނުކުތުމަށް އެންމެ ރަނގަޅީ ހެނދުނު ވަގުތުގައި ކަމަށާއި އަދި އެ ނޫން، މާ ބޮޑަށް ހޫނު ގަދަ ވަގުތުތަކުގައި އިރުގެ އަތްވަށް ނުކުންނަނަމަ ހަމުގެ ކެންސަރު ޖެހުމުގެ ފުރުސަތު އޮންނަ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
އެހެން ކަމުން ހެނދުނު ގަޑީގައި އަތްވަށް ނުކުމެ ހިނގާލުމަކީ އަހަރުމެންގެ އާއްމު ދިރިއުޅުމުގައި އަށަގަންނުވަން ވެފައިވާ ރަނގަޅު އާދަ އެކެވެ.