ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތ. ވިލުފުށީ މުނިމާގެ، އުމުރުން 22 އަހަރުގެ އާދަމް އަދްލާން ލަތީފްގެ މައްޗަށް އުފުލި ދެ ދައުވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ނަގައިފި އެވެ.
މި މައްސަލައިގައި އަދްލާން ހައްޔަރުކުރީ މިދިޔަ އެޕްރީލް މަހުގެ ފަސްވަނަ ދުވަހު އެވެ. އޭނާގެ މައްޗަށް ދައުވާ ނުކުރުމަށް ޕީޖީ އޮފީހުން މޭ މަހު ފުރަތަމަ ނިންމި ނަމަވެސް، ފުލުހުން އެދިގެން އެ ނިންމުން ރިވިއުކުރުމަށްފަހު މޭ 19 ގައި ދެ ދައުވާއެއް ކޯޓަށް ހުށަހެޅި އެވެ.
އެ ދެ ދައުވާ ވެސް އަނބުރާ ގެންދަން ނިންމައި ޕީޖީ އޮފީހުން މިހާރު ވަނީ މައްސަލަ ކޯޓުން ނަގާފަ އެވެ. ނަމަވެސް އެ ނިންމުން ނިންމި ސަބަބެއް އެ އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.
އަދްލާންގެ މައްޗަށް ކުރިން އުފުލީ ގާނޫނުލްއުގޫބާތުގެ 246 ވަނަ މާއްދާގެ ދަށުން އެނގިހުރެ ކޮމްޕިއުޓަރު ސިސްޓަމެއްގައި ކުޑަކުއްޖެއްގެ އޮރިޔާން ކާޑު ބެހެއްޓުމުގެ ދައުވާއާއި، 622 ވަނަ މާއްދާގެ ދަށުން އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާ އެވެ. ފުރަތަމަ ދައުވާ ސާބިތުވި ނަމަ ތިން އަހަރާއި ދެ މަހުގެ ޖަލު ހުކުމެއް އަދި ދެވަނަ ދައުވާ ސާބިތުވި ނަމަ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ ބައިނޭންސް އެކްސްޗޭންޖްގެ ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ގަނެވިއްކާ ކަމުގެ މައުލޫމާތު ލިބިގެންނެވެ. އެ ވޮލެޓުން އަދްލާންގެ ކްރިޕްޓޯ އެކައުންޓަށް ފައިސާ ފޮނުވާފައިވާކަން ފުލުހުންގެ ތަހުގީގަށް ވަނީ ކަށަވަރުވެފަ އެވެ.
އޭނާގެ އަތުން ހިފެހެއްޓި އިލެކްޓްރޯނިކް ވަސީލަތްތަކުގެ ފޮރެންސިކް ތަހުލީލުތަކުން ކުޑަކުދިންގެ ބަރަހަނާ މަންޒަރުތަކާއި ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ގިނަ އަދަދެއްގެ ފޮޓޯއާއި ވީޑިއޯ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލައިގައި ގާނޫނުގައި ބުނާ މުއްދަތުގައި ދައުވާ ނުކޮށް އޭނާ ދޫކޮށްލަން މަސައްކަތް ކުރި ކަމަށް ބުނެ ފުލުހުންގެ ތަހުގީގު ޓީމުގެ މެދުގައި ކުރިން ވެސް ކަންބޮޑުވުން އުފެދި، ދެ މުއައްސަސާގެ މެދުގައި ބައްދަލުވުންތަކެއް ބޭއްވި އެވެ. ސީރިއަސް މައްސަލަތަކުގައި ދައުވާ ނުކުރުމާއި ދައުވާ އަނބުރާ ގެންދިއުމުގެ މައްސަލަތަކާ ގުޅިގެން ޕީޖީ އޮފީހަށް އާންމުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
ދިރިއުޅުމުގައި ގެންގުޅޭ އާދައިގެ މި "ހޮބީ"ތަކުން އުމުރު ދިގުވޭ!
މޮނާ އާއި މާކްގެ ކެންސަރު ވެކްސިންއަށް ބޮޑު ކާމިޔާބެއް!
