ދިރާގާއި އެޗް ވަން ސްރީލަންކާއާ ގުޅިގެން ރާއްޖޭގެ މާކެޓަށް މައިކްރޮސޮފްޓް ސޮލިއުޝަންތަކެއް ގެނައުމަށް ނިންމައިފި އެވެ.
އެޗް ވަންއަކީ ސްރީލަންކާގެ ލީޑިން ޓިއާ 1 މައިކްރޮސޮފްޓް ލައިސަންސިން ސޮލިއުޝަންސް އަދި ކްލައުޑް ސޮލިއުޝަންސް ޕާޓްނަރެކެވެ.
ދިރާގުން ބުނީ މި ޕާޓްނާޝިޕް މެދުވެރިކޮށް ދިރާގާއި އެޗް ވަން ގުޅިގެން މައިކްރޮސޮފްޓްގެ އުފެއްދުންތަކާއި ޚިދުމަތްތައް މި ސަރަޙައްދުގެ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި މޮޑާން ވާކް ކްލައުޑް، މޮޑާން ވާކް ސެކިއުރިޓީ، އެޕްސް އެންޑް އިންފްރާ (އަޒުއާ)، މޮޑާން އެޕް ޑިވެލޮޕްމަންޓް އަދި ޑޭޓާ އެންޑް އެނަލިޓިކްސް ފަދަ މައިކްރޮސޮފްޓް ޓެކްނޮލޮޖީތައް ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ ރާއްޖޭގެ ކަސްޓަމަރުންނަށް މައިކްރޮސޮފްޓާއި ޓެލެކޮމިއުނިކޭޝަންގެ ފުޅާ ދާއިރާއެއްގައި ހިދުމަތްތައް ގެނެސްދިނުމަށް އެޗް ވަން ސްރީލަންކާއާ އެކު ޕާޓްނާޝިޕް ގެނައުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މި ދެކުންފުނީގެ ތަޖުރިބާއާއެކު، ކަސްޓަމަރުންގެ ފުޅާވަމުން އަންނަ ބޭނުންތައް ފުއްދައިދިނުމަށް ފަސޭހަ ވަން ސްޓޮޕް ސޮލިއުޝަނެއް ފޯރުކޮށްދިނުން. މި ޕާޓްނާޝިޕް މެދުވެރިކޮށް އެންމެ ބޮޑު އަހައްމިއްޔަތުކަމެއް އަޅުގަނޑުމެން ދީފައިވާނީ ދިރާގުގެ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގެ މާކެޓަށް ޚިދުމަތް ފޯރުކޮށްދިނުމަށް،" ދިރާގުގެ ސީއީއޯ ވިދާޅުވި އެވެ.
ޑައިލޮގް އެކްސިއާޓާ ޕީއެލްސީގެ ޑިރެކްޓަރު އަދި ގްރޫޕް ޗީފް އެގްޒެކެޓިވް، އެޗް ވަންގެ ޑިރެކްޓަރު ސުޕުން ވީރަސިންހަ ވިދާޅުވީ އެ ކުންފުނީގެ މި ޕާޓްނާޝިޕަކީ ރާއްޖޭގެ މާކެޓްގައި އެ ކުންފުނީގެ ބައިވެރިވުން ފުޅާކުރުމުގައި އެޗް ވަންއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
"މައިކްރޮސޮފްޓް ޓެކްނޮލޮޖީގެ ތަޖުރިބާއާ ދިރާގުގެ ވަރުގަދަ ލޯކަލް ޕްރެޒެންސާއި ކަސްޓަމަރުންނާއެކު އޮންނަ ގުޅުމާއިއެކު އެންމެ ފެންވަރު ރަނގަޅު ހިދުމަތްތައް އެ ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" ސުޕުން ވީރަސިންހަ ވިދާޅުވި އެވެ.
އެޗް ވަންގެ ޑިރެކްޓަ އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ވެނޫރާ މެންޑިސް ވިދާޅުވީ ދިރާގާ އެކު ޕާޓްނާވެ ޓެކްނޮލޮޖީ ސޮލިއުޝަންތައް ރާއްޖޭގެ މާކެޓަށް ގެނައުމަކީ އެ ކުންފުންޏަށް ވެސް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ދިރާގުގެ މާކެޓް ރީޗް، ވަރުގަދަ ކަސްޓަމާ އެންގޭޖްމަންޓް އަދި ކޮމްޕްލިމެންޓްރީ އައިސީޓީގެ ހިދުމަތްތަކާއެކު މައިކްރޮސޮފްޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންނަށް ދިމާވާ ވިޔަފާރީގެ ގޮންޖެހުންތަކަށް ސީދާ ހައްލުތަކެއް ފޯރުކޮށްދެވޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،" އޭނާ ވިދާޅުވި އެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އިތުރު ހައްލުތަކެއް ހޯދައިދިނުމަށާއި ރާއްޖޭގައި ދިރިއުޅޭ މީހުންގެ ޑިޖިޓަލް ތަޖުރިބާ އިތުރުކުރުމަށެވެ.