ކޮވިޑް 19ގެ ޕެންޑަމިކްއަށްފަހު މާރިއާ (އަސްލު ނަމެއް ނޫން) ބޭނުންވީ އާއިލާއާއެކު ބޭރު ގައުމެއްގައި ޗުއްޓީ ހޭދަ ކޮށްލާށެވެ. ދިރިއުޅެމުން ދިޔަ އޮސްޓްރޭލިއާގެ ބޭރުން ތަޖުރިބާއެއް ކޮށްލާށެވެ.

އެގޮތުގެ މަތިން ރަހުމަތްތެރިޔަކު ދިން ލަފައާއެކު އޭނާ އޮންލައިން ޓްރެވަލް އެޖެންޓެއް މެދުވެރިކޮށް ޔޫރަޕްގެ ދަތުރެއް ހަމަޖެއްސި އެވެ. ދަތުރުގެ ހުރިހާ ކަމަކަށް އެރި 15،000 އެމެރިކާ ޑޮލަރު ދަތުރުގެ ކުރިން ދައްކާ ހަލާސްކުރި އެވެ.

ދަތުރު ފެށިގެން ފުރަތަމަ ދެތިން ދުވަސް ދިޔައީ އެއްވެސް މައްސަލައެއް ނެތި އެވެ. އޭޖެންޓް ދީފައިވާ ދަތުރުގެ ޕްލޭންގައިވާ ގޮތުގެ މަތިން ހުރިހާ ކަމެއް ވެސް ހިނގަމުން ދިޔަ އެވެ.

އެހެން ނަމަވެސް ކަންތައް ބަދަލުވާކަށް މާ ގިނަ ދުވަހެއް ނުވި އެވެ. މާރިއާގެ އާއިލާއަށް ހަމަޖެއްސި ކަމަށް އޭޖެންޓް ބުނި ތިންވަނަ ހޮޓަލަށް ދިއުމުން އެނގުނީ އެ ހޮޓަލަށް ފައިސާ ނުދައްކާ ކަމެވެ.

ދެން ވެސް ޖެހުނީ އެފަދަ ކަމަކާ އެވެ. މާރިއާއަށް އެޖެންޓު ދިން ޓިކެޓުތަކުގެ ތެރެއިން ދެ ޓިކެޓުގައި އޮތީ އެއް ސީކުއެންސް ނަމްބަރެކެވެ. މާނައަކީ އޭގެ ތެރެއިން ރަނގަޅީ އެންމެ ޓިކެޓެއް ކަމެވެ.

ދެން އައި ހޮޓަލުގައި ވެސް ހަމަ އެއް ވާހަކަ އެކެވެ. ހޮޓަލަށް ފައިސާ ނުދައްކާ އޮތުމުން ބިލު ދައްކަން ޖެހުނީ މާރިއާއަށާއި އޭނާގެ އާއިލާއަށެވެ.

އެންމެ ފުރަތަމަ މާރިއާ ހީކުރީ އެއީ އޭޖެންޓުގެ ފަރުވާކުޑަކަން ކަމަށެވެ. އެހެން ނަމަވެސް އެއް ކަމެއް އެހާ ގިނަފަހަރު ތަކުރާރުވާން ފެށުމުން އެއީ ގަސްދުގައި އޭޖެންޓު ކޮށްފައިވާ ކަމެއްކަން ރޭކާލާން މާ އުނދަގުލެއް ނުވި އެވެ.

15000 ޑޮލަރުގެ ޔޫރަޕް ދަތުރު ނިމިގެން ދިޔައީ މާރިއާ އަތުން ޖުމްލަ 30000 ޑޮލަރު ހޭދަވެގެންނެވެ. ހޮޓަލުތަކަށް ފައިސާ ދެއްކި ކަމަށް ބުނެ އޭޖެންޓް ކިތަންމެ ހެއްކެއް ދެއްކި އެވެ. އެހެން ނަމަވެސް އެ ހުރިހާ އެއްޗެއްވީ ސައްހަ ނޫން އެއްޗެއްސަށެވެ.

އެހެން ކަމުން މާރިއާ ދެން ގަސްދުކުރީ އޭނާގެ ތަޖުރިބާ ސޯޝަލް މީޑިއާގައި ހިއްސާ ކުރާށެވެ. އެ އިންޒާރު ދިނުމުން މާރިއާ އަތުން ގެއްލުނު 20000 ޑޮލަރު އަނބުރާ ދޭން އޭޖެންޓް އެއްބަސްވި އެވެ. އެހެން ނަމަވެސް "ސިއްރުތައް ދަަމަހައްޓާ އެއްބަސްވުމަކަށް" ޝަރުތުކޮށްފަ އެވެ.

މި ޝަރުތަށް މާރިއާ އިންކާރުކުރި އެވެ. އަދި އޭނާގެ ތަޖުރިބާ އާއްމުކޮށް ހިއްސާކުރި އެވެ. ނަތީޖާއަކަށްވީ ހަަމަ އެ އެޖެންޓު ކައިރިން އެ ލަނޑު ލިބުނު އެތައް ބަޔަކު ހާމަވެގެން ދިއުމެވެ.

މިކަމުގެ ސަބަބުން އޭޖެންޓަށް ނަަން މީހުންގެ މެދުގައި ބަދުނާމުވި ނަމަވެސް އެއްވެސް ކަހަލަ މާލީ ގެއްލުމެއް އޭނާއަށް ނުލިބުމުން މާރިއާ ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވެ އެވެ.

އޮންލައިން ޓްރެވަލް އެޖެންޓުން މިހާރު އަންނަނީ ގިނަވަމުންނެވެ. އެކިއެކި ގައުމުތަކަށް ހިތްކިޔާ ކަހަލަ "ޕެކޭޖުތައް" ދަނީ ތައާރަފް ކުރަމުންނެވެ.

އެހެން ނަމަވެސް މިފަދަ ޕެކޭޖަކަށް ހެއްލުމުގެ ކުރިން އެ އޭޖެންޓުގެ ސައްހަކަން ކަށަވަރު ކުރުމަކީ މުހިއްމު ކަމެކެވެ. އެހެން ނޫންނަމަ މާރިއާއަށް ކުރަން ޖެހުނު ފަދަ ތަޖުރިބާއެއް ކުރަން ޖެހުމަކީ ވަރަށް ގާތް ކަމެެކެވެ.