ރިޔާސީ އިންތިހާބު ކަވަރުކުރާ ނޫސްވެރިން ވާން ޖެހޭނީ ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިންނަށް ކަމަށް ބުނެ އިންތިހާބާއި ބެހޭ ގާނޫނަށް ހުށަހަޅަފައިވާ އިސްލާހާއި ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު އެވެ.

ގާނޫނު ބުނާ ގޮތުން ނޫސްވެރިންނަށް ވޯޓު ގުނާ ތަނުގައި ތިބެ ވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަދޭ ރިޕޯޓަރުންނަށެވެ. މުއިއްޒު ހުށަހެޅުއްވި އިސްލާހުގައި ވަނީ އެ ނޫސްވެރިންނަކީ ކޮބައިކަން ތަފްސީލުކޮށްދީފައިވެ އެވެ. އަދި ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަކީ ރަޖިސްޓްރީކޮށްފައިވާ އެއްވެސް މީޑިއާއެއްގައި މަސައްކަތްކުރާ ނޫސްވެރިން ކަމުގައި ވާން ޖެހޭނެ ކަމަށް އިސްލާހުގައި ވެއެވެ.

މި އިސްލާހައި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޓްރާންސްޕޭޜެންސީ މޯލްޑިވްސް އާއި ނޫސްވެރިންގެ ޖަމިއްޔާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ، އިންތިހާބު ބޯމަތިވެފައި ވަނިކޮށް ހަމައެކަނި ރެޖިސްޓަރީ ކޮށްފައިވާ ނޫސްވެރިންނަށް އިންތިހާބު ކަވަރު ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަކީ ހާމަކަން ބޮޑުކޮށް އިންތިހާބު ކުރިއަށް ގެންދިއުމަށް އޮތް ފުރުސަތު ހަނިކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަވާ ކަމަށެވެ.

އިންތިހާބު ކަވަރު ކުރުމަށް މީޑިއާއަށް އޮންނަ ފުރުސަތު ހަނިކުރުމަށް އެޅޭ ކޮންމެ ފިޔަވަޅަކީ އިންތިހާބެއްގެ ނަޒާހަތްތެރިކަމާއި ސައްހަ ކަމާމެދު ސުވާލު އުފައްދަން ފުރުސަތު އިތުރުވެ، އިންތިހާބަށް ރައްޔިތުންގެ އިތުބާރު ކުޑަވެގެންދާނެ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ނޫސްބަޔާނުގައި ބުނެފައިވަނީ މިގޮތަށް ގާނޫނު ފާސްވުމުން ފްރީލާންސް ނޫސްވެރިނަށް އޮތް ފުރުސަތުތައް ގެއްލިގެންދާނެ ކަމަށެވެ. އަދި ބޭރުގެ މީޑިއާތަކަށްވެސް އެފުރުސަތު ގެއްލިގެންދާނެ ކަމަށެވެ.

ޓްރާންސްޕޭރެންސީއާއި ޖާނަލިސްޓް އެސޯސިއޭޝަންގެ ބަޔާނުގައި ވަނީ ގާނޫނަށް އިސްލާހު ގެންނައިރު، އިންތިހާބުގެ ސައްހަކަން ކަށަވަރުކުރަން މަސައްކަތްކުރާ ޖަމްއިއްޔާތަކާއި، މީޑިއާތަކާއި ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ގޮވާލާފަ އެވެ.