އަންނަން އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓު ހޯދުމަށް ކުރިމަތިލާން އެ ޕާޓީން މިއަދު ހުޅުވާލައިފި އެވެ.

ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމީ މިމަހުގެ 14 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގެ އިއްތިފާގުންނެވެ.

މިއަދު އެ ޕާޓީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ޝައުޤުވެރިވާ ފަރާތްތަކުން މި ހިނގާ މާޗު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ފޯމުލާން ޖެހޭނެ ކަމަށެވެ.

އެ ޕާޓީގެ ރިޔާސީ ޓިކެޓު ހޯދުމަށް ކުރިމަތިލާ ފަރާތްތައް ވާންވާނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ޝަރުތު ހަމަވާ ފަރާތްތަކެއް ކަމަށާއި، އެކަމަށް އެދި ހުށަހަޅާއިރު އައިޑީ ކާޑާއި ވަނަވަރު ހުށަހަޅަންޖެހޭނެ ކަމަށްވެސް އެ ޕާޓީގެ އިއުލާނުގައި ބުނެފައިވެ އެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ ޕްރައިމަރީއަށް ހުޅުވާލާފައިވާއިރު، ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފިޔަވައި އެ މަގާމަށް އިތުރު ބޭފުޅަކު ވާދަކުރާނެ ކަމަކަށް ނުބެލެވެ އެވެ. ޖުމްހޫރީ ޕާޓީ އިސްވެ އޮވެ ހަދާ ކޯލިޝަނެއްގެ ތެރެއިން އިންތިހާބަށް ނުކުތުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި ވިނަމަވެސް މިހާރު ސުވާލު އުފެދެނީ ޖޭޕީން ކޯލިޝަން ހަދާނެ ބަޔަކާ މެދު އެވެ.