މި ފެށޭ ރޯދަމަސް ކީރިތި ޤުރްއާނުގެ ހިޔަލުގައި ހޭދަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނަސޭހަތްތެރިވެއްޖެ އެވެ.

ގުރުއާން ކިޔެވުމުގެ 35 ވަނަ ގައުމީ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގައި ރައީސް ވިދާޅުވީ މި ފެށޭ ރޯދަމަހަކީ، ކީރިތި ގުރްއާނުގެ ހިޔަލުގައި ހޭދަކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި އެ ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، ދީނީ އަދި އަހްލާގީ ރީތި އާދަތަކުގެ މަތީގައި ދެމިތިބުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެންމެ ޅަފަތުން ފެށިގެން އަލިފުބާ ދަސްކޮށްދިނުންފަދަ ރީތި އަދި ރަނގަޅު އާދަތަކާ އެކު، ކީރިތި ޤުރްއާނާ އެކުގައި ދިރިއުޅުން އާރާސްތުކުރުމުގެ ދާއިރާ މިހާރަށް ވުރެ ފުޅާކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ކީރިތި ގުރުއާނުގައިވާ އިލްމީ ހަގީގަތްތަކުގެ މައްޗަށް، ޒަމާނީ ސައެންސާއި ޓެކްނޮލޮޖީގެ އަލީގައި ކުރެވޭ ދިރާސާތަކުން، އިސްލާމީ ރިސާލަތުގެ ފުރިހަމަކަން އިތުރަށް ހާމަވެގެންދާނެކަން ފާހަގަކުރައްވައި ޔުނިވަސިޓީތަކާއި ކޮލެޖްތަކުގެ އިސް ވެރިން، އެކަންކަމަށް ވިސްނުން ބެހެއްޓެވުމުގެ މުހިންމުކަކަމަށް ރައީސް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި، މުޅި މުބާރާތުން ބަލައިގެން އަދި ނުބަލާ ކިޔުމުގެ ބައިން 1 ވަނަ، މުބާރާތުގެ ޙާފިޒުންގެ ގޮފިން 1 ވަނަ، މުޅި މުބާރާތުގެ 3 ގޮފި އެއްކޮށް 1 ވަނަ އަދި މުޅި މުބާރާތުން 1 ވަނަ މުއައްސަސާއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު އަދި 2022 ވަނަ އަހަރު ޤުރުއާން ހިތުދަސްކުރި ޙާފިޒުންނަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ.

މި މުބާރާތުގައި ސިޓީތަކަށް ނިސްބަތްވާ 55 ސްކޫލަކުންނާއި 18 އަތޮޅު ކައުންސިލުންނާއި އަދި ކްލަބް ޖަމިއްޔާތަކާއި ގުރުއާން ކްލާސްތައް އަދި ކުންފުނިތަކުގެ ނަމުގައި 47 މުއައްސަސާއާއެކު ޖުމްލަ 121 މުއައްސަސާއިން 1010 ބައިވެރިން ބައިވެރިވެ ކިޔަވާފައިވެ އެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 595 ބައިވެރިންނާއި ނުބަލާ ކިޔެވުމުގެ ގޮފީގައި 402 ބައިވެރިންނާއި ޙާފިޒުންގެ ބައިގައި 23 ބައިވެރިންނެވެ.