ފުލުހުންގެ ހިދުމަތަށް އަލަށް ވަންނަ ފަރާތްތަކުގެ ބެކްގްރައުންޑް ޗެކް އިހްތިޔާރުކޮށް ފުލުހުންގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު ފާސްކޮށްފި އެވެ.
މި އިސްލާހް މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުހައްމަދު އަސްލަމް އެވެ.
އަސްލަމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ފުލުހުންގެ ހިދުމަތަށް އަލަށް ގުޅޭ ފަރާތްތަކަކީ ސަލާމަތީ ހިދުމަތެއްގައި ވަޒީފާ އަދާކުރަން އެކަށީގެންވާ ފަރާތެއްތޯ ބެލުމަށްޓަކައި ފުލުހުންގެ ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ބެކްގްރައުންޑް ޗެކް ހެދުމަށް ލާޒިމް ކުރުމަށެވެ. އެގޮތަށް ބެކްގްރައުންޑް ޗެކެއް ހެދުމަކީ އެކަށީގެންވާ ކަމެއްކަމަށް ނުވެދާނެކަމަށާއި އެހެންވެ ގާނޫނުގެ 17 ވަނަ މާއްދާގައި ބުނާ ބެކްގްރައުންޑް ޗެކް ހެދުމުގެ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންތައްތަކަކީ ލާޒިމްކަމެއް ނޫންކަމަށް ހެދުމަށް ގާނޫނު އިސްލާހު ހުށަހަޅާކަމަށް އަސްލަމްގެ އިސްލާހުގައިވެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު ގައުމީ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން އިސްލާހުކުރި މާއްދާގައި ބުނެފައިވަނީ ފުލުހުންގެ ހިދުމަތަކީ ގައުމީ ސަލަމަތާ އަދި ރައްޔިތުންގެ ސަލާމަތާ ރައްކާތެރި ހިދުމަތަކަށް ވާއިރު އެމުއައްސަސާއަށް އެއްވެސް މީހަކު ކަނޑައެޅުމުގެ ކުރީން ގާނޫނުގެ ދަށުން ހަދާ ބެކްގްރައުންޑް ޖެކު ކުރަން ޖެހޭ ކަމަށެވެ.
އަދި ކުށުގެ ރެކޯޑާއި ބެކްގްރައުންޑް އެނަލިސިސްއެއް ހަދަންވާނެ ކަމަށް އޭގައިވެ އެވެ. ބެކްގްރައުންޑް ޗެކް ކުރުމަށް ޕޮލިގްރާފް ނުވަތަ އެނޫންވެސް ވަސީލަތެއް ބޭނުންކޮށްގެން އިތުރު އެނަލިސިސް ހެދުމަށް މި މާއްދާ ހުރަސްނާޅާ ކަމަށް ކޮމެޓީގެ އިސްލާހުގައި ބުނެފައިވެ އެވެ.
މީގެ އިތުރަށް ތަހުގީގު ކުރުމުގެ ހުއްދަ ދެވޭ ކޮންމެ ފުލުހަކީ ދަށްވެގެން ޑިޕްލޮމާ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާމީހަކަށްވާންޖެހޭ ކަމަށްވެސް ކޮމެޓީން ހުށަހެޅި އިސްލާހުގައި ބުނެފައިވެ އެވެ.