ސަރުކާރު ކޯލިޝަންގެ ޕާޓީތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއިދު ކޮށްދެއްވުމަށް އެދި އެމަނިކުފާނު ފޮނުއްވި ސިޓީއަށް ޖަވާބު ނުދެވިގެން އުޅެނީ އަދި ހިސާބު ނުޖެހިގެން ކަމަށާއި ކުރީގެ ތަޖުރިބާއަށް ބަލައި ހިސާބު ޖެހުމަށް ފަހު ޖަވާބު ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ މަންދޫބުން ރޭ ވަނީ ޖުމްހޫރީ ޕާޓީ އާއި ބައްދަލުކުރައްވައިފަ އެވެ. ރައީސް ސޯލިހު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ތާއިދު ކޮށްދެއްވުމަށް އެދި ސަރުކާރު ކޯލިޝަންގައި މިހާރު ހިމެނޭ ޕާޓީތަކަށް ސިޓީފުޅެއް ފޮނުއްވާފަ އެވެ.

ކޯލިޝަންގައި ހިމެނޭ އެމްއާރުއެމް އާއި ޖުމްހޫރީ ޕާޓީން ރައީސްއާ އެކު ކޯލިޝަން ހެދުމަށް ނިންމައިފައެއް ނުވެ އެވެ. ރައީސް އަށް ތާއިދުކޮށް ކޯލިޝަން ހެދުމަށް ނިންމަވާފައި ވަނީ އަދާލަތު ޕާޓީ އެވެ. ޖުމްހޫރީ ޕާޓީ ވަނީ ވަކީން ވާދަކުރުމަށް ނިންމައިފަ އެވެ.

ރައީސް ނަޝީދުގެ މަންދޫބުންނާ އެކު ރޭ ބޭއްވެވި ބައްދަލުވުމަށް ފަހު އަމީން ވިދާޅުވީ ރައީސްގެ ސިޓީއަށް ޖަވާބު ނުދެއްވިގެން އުޅެނީ ހިސާބު ޖަހާ ނުލެވިގެން ކަމަށެވެ.

އަމީން ވިދާޅުވީ ވޭތުވެ ދިޔަ ތަނުގައި ކޯލިޝަން ތެރެއިން ކުރެވުނު ތަޖުރިބާ އަށް ބަލަން ޖެހޭނެ ކަމަށެވެ. އެކަންކަމަށް ބަލާފައި ޖަވާބެއް ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އާ އިންވެސްޓްމަންޓަކަށް ނުދާނެ ނޫންތޯ މި ލިބުނީ ފައިދާތޯ ނޫނީ ގެއްލުންތޯ ނުބަލައެއް. ޖުމްލަކޮށް އާ އިންވެސްޓްމެންޓަކަށް ދާން ޖެހޭތޯ އެ ސުވާލުތަކަށް ޖަވާބު ހޯދާލާފައި ދޯ ދާންވާނީ. އެހެންވެ އަޅުގަނޑުމެން އަދި މި އުޅެނީ އެ ހިސާބު ޖަހާނުލެވިގެން. ހިސާބު ޖަހާލެވުނުހާ އަވަހަކަށް ޖަވާބުދޭނެ،" އަމީން ވިދާޅުވި އެވެ.

ރޭ ބޭއްވި ބައްދަލުވުމާ ގުޅޭގޮތުން އަމީން ވިދާޅުވީ އެމްޑީޕީ އާއި ޖޭޕީ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ކަމަށެވެ. ގުޅިގެން މަސައްކަތް ކުރާ ކަމަށް ވަންޏާ އެ މަގުސަދުތައް ހާސިލް ވާނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަދަ އިތުރު ބައްދަލުވުންތައް ކުރިއަށް އޮތް ތަނުގައި ކުރިއަށް ދާނެ ކަމަށެވެ.

"މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މި ވާހަކަދެއްކީ ހަގީގަތުގައި ޕާޓީއަކުން ވެރިކަމަށް އަންނަން ބޭނުންވެގެން މި އުޅެނީ ރައްޔިތުންނަށް ކަންކަން ހާސިލް ކޮށްދޭން. އެހެންވީމަ އަޅުގަނޑުމެން ދެބައި މީހުން ގުޅިގެން މަސައްކަތްކުރާ ކަމަށްވަންޏާ ރައްޔިތުންގެ މަގުސަދުތައް ހާސިލް ކުރެވޭނެ. އަޅުގަނޑުމެން ގެންނާނެ ސިޔާސަތުތަކާ ބެހޭ ގޮތުން ވާހަކަދެއްކިން" އަމީން ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފައިވާއިރު ރިޔާސީ އިންތިހާބާ ޖެހެންވާއިރަށް ކޯލިޝަންގައި ނުތިބެވޭނަމަ ސަރުކާރު ހިންގާ ކޯލިޝަންގައި މިހާރު ހިމެނޭ ޕާޓީތަކާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެންނަން ޖެހިދާނެ ކަމަށް ރައީސް ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ.

ހިޔާލުތަފާތުވާ ބަޔަކާއެކީގައި ކެމްޕެއިނެއް ނުކުރެވޭނެ ކަމަށާއި ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރިއަށްދާއިރު އޭގެ ސަބަބުން އިންތިހާބު ކާމިޔާބު ކުރުމަށް ހުރި ކަންތައްތައް ކުރަމުން ގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ހިޔާލު ތަފާތުވާ ބައެއްގެ ތެރޭގައި ކަންކަން ނިންމާއިރު އެކުގައި ނުތިބެވޭނަމަ އެކަމެއް ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.