ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަނެއްކާވެސް ޖަމިއްޔަތުލް ސަލަފާ ބައްދަލު ކުރައްވައިފި އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ސަލަފާއެކު ގާސިމް ބޭއްވި ބައްދަލުވުން އޮތީ ގާސިމްގެ ސަން އައިލެންޑް ރިސޯޓުގައި މި ހަފްތާ ބަންދު ތެރޭގަ އެވެ.

ގާސިމް، ސަލަފާ ބައްދަލުކުރިއިރު ޖުމްހޫރީ ޕާޓީން ވަނީ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބުންނާ ބައްދަލުކޮށް ރައީސް ނަޝީދުގެ ފެކްޝަނާއެކު މެނިފެސްޓޯ ހެދުމަށް ނިންމައިފަ އެވެ.

ހަފްތާ ބަންދުގެ ތެރޭގައި ސަލަފާއެކު ގާސިމް ބޭއްވެވި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އޮތީ ރައީސް ނަޝީދުގެ ފަރާތުން ޖޭޕީއަށް ހުށަހެޅި ކަންކަމާމެދު މަޝްވަރާ ކުރުމެވެ. އެ ބައްދަލުވުމުގައި ސަލަފުން ވަނީ ރައީސް ނަޝީދާއެކު ކުރިއަށްދާން ބޭނުން ނުވާކަން ހާމަކޮށްފަ އެވެ.

ރައީސް ނަޝީދާއެކު ކުރިއަށް ނުދާން ސަލަފުން ބޭނުންވާ މައިގަނޑު ސަބަބަކީ ރައީސް ނަޝީދަކީ ރާއްޖޭގައި ލާދީނީ ފިކުރު ކުރިއަރުވަން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ސަލަފުން ތުހުމަތުކޮށެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި އިޒްރޭލާ ގާތް ގުޅުން ބާއްވާ ރާއްޖޭގައި އިޒްރޭލުގެ ލާދީނީ ކެމްޕެއިން ފަތުރަން އުޅުނުކަމަށް ވެސް ސަލަފުން ތުހުމަތު ކުރެ އެވެ.

ގާސިމް ސަލަފާއެކު މިހަފްތާ ބަންދުގައި ބައްދަލުކުރިއިރު މި މަހުގެ 20 ވަނަ ދުވަހު ވެސް ގާސިމް ވަނީ ސަލަފާއެކު އެ ޖަމިއްޔާގެ އޮފީހުގައި ބައްދަލުކޮށްފަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރަން ވަނީ ނިންމައިފަ އެވެ. އަދި އެ ޕާޓީގެ ކެމްޕެއިން ފެށުމަށް ތައްޔާރުވެ، އެ މަސައްކަތްތައް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމްއާ ގާސިމް ވަނީ ހަވާލުކުރައްވައިފަ އެވެ.