ޖިންނި އަވަލާ ވާހަކަތަކަކީ ބައެއް މީހުންނަށް އާ ވާހަކަތަކަކަށް ނުވެދާނެ އެވެ. އެހެންނަމަވެސް ގިނަ ބަޔަކަށް މިފަދަ ވާހަކަތައް ގަބޫލުކުރަން ދަތިވެ އެވެ. ސަބަބަކީ އެފަދަ ކަމެއް އަމިއްލައަށް ތަޖުރިބާ ކުރެވިފައި ނުވުމެވެ. އަމިއްލަ ދެލޮލަށް އެފަދަ މަންޒަރެއް ފެނިފައި ނުވުމެވެ. އެހެންނަމަވެސް މިއީ ހިނގާ ކަންކަމެކެވެ.

ޖިންނީންނަކީ ވެސް އިންސާނުންނެކޭ އެއްފަދައިން މާތްރަސްކަލާނގެ ހައްދަވާފައިވާ މަޚުލޫގުންނެވެ. އެ މީހުންނަކީ ވެސް މި ދުނިޔޭގައި ވަޒަންވެރިވެގެން އުޅޭ ބައެކެވެ. އިންސާނުންނަށް ޖިންނީން ނުފެނުނު ކަމުގައިވީ ނަމަވެސް، އެސޮރުމެންގެ އުނދަގުލުން ރައްކާތެރިވާނެ އެކި ގޮތްތައް ދީނުގައި އަންގަވާފައިވެ އެވެ. އެހެންނަމަވެސް ގިނައީ މިކަންކަމަށް މާބޮޑު ސަމާލުކަމެއް ނުދެވި އަޅާނުލެވޭ ވަގުތުތަކެވެ. އެކަމުގެ ސަބަބުން މަދުން ނަމަވެސް ނުރައްކާތެރި އަދި ނާމާން އެކި ހާދިސާތައް ހިނގައި ގޮސްފައިވާކަން ތާރީހުން ވެސް ހެކިދެ އެވެ.

މިއީ ސްކޫލްގައި ސާނަވީ ތައުލީމު ހާސިލްކުރަމުން ދިޔަ އާއިޝާ (އަސްލު ނަމެއް ނޫން)އަށް ދިމާވި ހާގީގީ ވާހަކައެކެވެ. މި ހާދިސާ ހިނގީ މީގެ ތިން އަހަރު ކުރިން އުތުރުގެ ރަށެއްގަ އެވެ.

ހާދިސާ ހިނގިގޮތް ކިޔައިދެމުން އާއިޝާ ބުނީ، އެންމެ ފުރަތަމަ އެކަން ހިނގައިދާން މެދުވެރިވީ، ހަވީރު ފިނިބުރެއް ޖަހާލަން ރަށުގެ ބޭރު މަގުގައި ހިނގާލަން ނިކުމެ އުޅެނިކޮށް ކަމަށެވެ. އެމަގުގައި ހުރި ފިތުރޯނު ގަސްތައް ކައިރިން ދިޔަ ވަގުތު އެއިން ގަހެއްގެ ކޯޅިއެއްގައި އަތް ޖަހައިލަމުން "މިއީ ހާދަ ރީތި ކޯޅިއެކޭ" ބުނެ އެ ގަހުގެ ކޯޅިއަށް ތައުރީފު ކުރިކަމަށް އޭނާ ބުންޏެވެ. ނަމަވެސް އޭނާ އެކަން ކުރުމުގެ ސަބަބުން ގެއްލުމެއް ލިބިދާނެކަމަށް ހީވެސް ނުކުރާ ކަމަށް އާއިޝާ ބުނެފައިވެ އެވެ.

އޭގެ ދުވަސްތަކެއް ފަހުން، އާއިޝާގެ ކްލާހުގައި އޭނާއާ އެކީގައި ކިޔަވާ ފިރިހެން ކުއްޖަކާއި ލޯބީގެ ގޮތުން ގުޅުނު ކަމަށް އޭނާ ބުންޏެވެ. އެކީގައި ގޭގެ ވައިމަތީގައި ވަގުތުތައް ހޭދަކުރާ ކަމަށާއި، އަލަތު ލޯބިވެރިޔާއަށް ވާތީ އިންތިހާއަށް ލޯބިވެވި، އަމިއްލަ ނަފްސު އެ ފިރިހެން ކުއްޖާއަށް ދެވުނު ކަމަށް އާއިޝާ ބުންޏެވެ.

އެހެންނަމަވެސް އެކީގައި އުޅުނު ދުވަސްވަރު، އާއިޝާއަށް އެ ފިރިހެން ކުއްޖާގެ މިޒާޖުގައި ތަފާތުވާ ބައެއް ކަންކަން ފެންނަމުންދިޔަ އެވެ. ކްލާހުގައި ހުންނަ ވަގުތުތަކުގައި އޭނާއަކަށް އެއްވެސް ގޮތަކަށް ފިރިހެން ކުއްޖާގެ ފަރާތުން އަޅާލުމެއް ނުލިބެ އެވެ. އަދި އެހެން ކުދިންނެކޭ އެއްފަދައިން ރަހުމަތްތެރިކަމުގެ ގުޅުން ބާއްވަމުންދިޔަ އެވެ. އެފަދައިން އެ ފިރިހެން ކުއްޖާގެ މިޒާޖު ބަދަލުވަނީ މީހުންނަށް އެ ދެމީހުންގެ ގުޅުން ނާންގަން ބޭނުންވާތީ ކަމަށް އާއިޝާ ހީކޮށް، އެކަމާއި މާބޮޑު އަޅާލުމެއް ޢޭނާ ނުދެ އެވެ.

މިގޮތަށް އެއް އަހަރު ދުވަސް ވޭތުވެ ދިޔަކަމަށް އާއިޝާ ބުންޏެވެ. ފުރާވަރު ދުވަސް ވޭތުކުރަމުންދާއިރު، ހަޔާތުގެ ބައިވެރިއަކަށް އާއިޝާދެކެ އިންތިހާއަށް ލޯބިވާ ބައިވެރިއަކު ލިބުނީތީ އާއިޝާ އެކަމަށް އުފާކުރި އެވެ.

އެހެންނަމަވެސް ކަންކަން ގޯހުން ގޯހަށް ދިޔައީ، ދެނަމާދު ދޭތެރޭގައި އާއިޝާގެ ކުޑަ ކޮއްކޮ ގުރުއާން ކިޔެވި ވަގުތެވެ. އެ ވަގުތު ސިޓިން ރޫމުގައި އިން އާއިޝާގެ ހަށިގަނޑުގައި ކެތްނުކުރެވޭ ވަރަށް ރިއްސައި، ދިލަ ނަގަމުންދިޔަ ކަމަށް އޭނާ ބުންޏެވެ. އެއަށްފަހު ބޭއިހްތިޔާރުގައި ކޮއްކޮއާ ދިމާލަށް ބާރަށް ހަޅެއްލަވައިގަނެ، ގުރުއާން ކިޔެވުން ހުއްޓުވުމަށްޓަކައި ކޮއްކޮއާ ދިމާއަށް ދުއްވައިގަނެވުނު ކަމަށާއި، ނަމަވެސް އެކަން ނާކާމިޔާބުވީ، ކައިރީގައި ތިބި އާއިލާ މީހުން ހިފެހެއްޓުމުންކަމަށް އާއިޝާ ބުންޏެވެ.

އެއަށްފަހު ދެން ވީގޮތް "ހުރިހާ" އަށް ކިޔައިދިނީ އާއިޝާގެ އާއިލާއިންނެވެ. އެގޮތުން ގޭގައި ތިބި އާއިޝާގެ ތިން ފިރިހެން ބޭބެއިންނަށް ވެސް އެވަގުތު އާއިޝާ ނުހިފެހެއްޓުނު ކަމަށް އޭނާގެ އާއިލާއިން ބުނެ އެވެ. އަދި އާއިޝާ ބޭރަށް ނިކުންނަށް އުޅުމުން ގޭ ކައިރީގައި ތިބި އިތުރު މީހުންގެ އެހީގައި އާއިޝާ ގޭތެރެއަށް ވައްދައި ހިފަހެއްޓިކަމަށް ވެސް އާއިލާއިން ބުނެ އެވެ.

އާއިލާއިން ބުނިގޮތުގައި އާއިޝާއަށް ދިމާވެފައިވަނީ ކޮން ކަމެއްކަން އެންމެންނަށް ވެސް ވަހުމުވި އެވެ. އަދި ވަގުތުން ރަށުގެ މުދިމު ގެނެސް ގުރުއާން ކިޔަވަމުން ގެންދިޔަ ކަމަށް އާއިލާއިން ބުންޏެވެ. ވަގުތުކޮޅަކަށް އާއިޝާ މައިތިރިވީ ނަމަވެސް ރުގްޔާ ކުރާ މީހެއް ގެނެސް އާއިޝާއަށް ފަރުވާކުރުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ފެށިކަމަށް އާއިލާއިން ބުންޏެވެ.

"ރުގްޔާ ކުރުމުން އެނގުނީ އާއިޝާއާ ޖިންނިއެއް އަވަލާފައި ހުރިކަން. އޭރުވެސް އާއިޝާ ހިފެހެއްޓެނީ ހަމަ ކިރިޔާ. ދެން ރުގްޔާކުރާ މީހާ ޖިންނިއާ ސުވާލުކުރުމުން އޭތި ކިޔައިދިން ވާހަކަތަކަކީ އަހަރުމެންނަށްވެސް ވަރަށް ގަބޫލުކުރަން ދަތި ވާހަކަތަކެއް. ބުނީ، އާއިޝާއަކީ ޖިންނިގެ ލޯބިވެރިޔާއޭ. ދެ ދަރިންވެސް ހުރެއޭ،" އާއިޝާގެ އާއިލާއިން ކިޔައިދިނެވެ.

މިވާހަކަތަކުން އެންމެ ބޮޑަށް ސިހުމެއް ލިބުނީ އާއިޝާއަށެވެ. އަހަރަކަށް ވުރެ ގިނަ ދުވަސްވަންދެން އޭނާގެ ކްލާސް ކުއްޖެއްގެ ސިފައިގައި ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ޖިންނިއަކާ ކަން އާއިޝާއަށް އެނގުނީ މިކަންތައް ފަޅާއެރުމުންނެވެ.

އާއިލާއިން އިތުރަށް ކިޔައިދިން ގޮތުގައި ޖިންނި އާއިޝާ ދެކެ އިންތިހާއަށް ލޯބިވާކަމަށް ބުންޏެވެ. އަދި ޖިންނިއާ އާއިޝާ ދުރުކުރަން މަސައްކަތް ކޮށްފި މީހަކަށް ގޯނާކުރާނެކަމުގެ އިންޒާރުދިންކަމަށް ވެސް އާއިލާއިން ބުންޏެވެ.

އިތުރު އެއްވެސް ގޮތެއް ނެތުމުން އެ ޖިންނި ވުޖޫދުން ނައްތައިލަން މަޖުބޫރުވިކަމަށް އާއިލާއިން ބުންޏެވެ. ޖިންނި މަރާލި ވަގުތު، އެކަން ނުކުރުމަށް އެދި އާދޭސް ކުރިކަމަށާއި، އޭތީގެ ފަރާތުން އިތުރު އުނދަގުލެއް ނުފޯރާނެ ކަމަށް ބުނިކަމަށްވެ އެވެ. އެހެން ނަމަވެސް އޭގެ އުނދަގޫ ފަހުން ލިބިދާނެ ކަމުގެ ފުުރުސަތު ބޮޑުވުމުން އާއިލާއިން ޖިންނި މަރައިލީ އެވެ.

މުޅި ހާދިސާއަށް ބަލާއިރު، އާއިޝާ ދެކެ ޖިންނިއަށް ލޯބިވެވުނީ އޭއްޗަށް ތައުރީފު ކުރުމުންކަމުގައި އޭތި ބުނެފައިވެ އެވެ. އެ ތައުރީފުގެ ސަބަބުން އާއިޝާއަށް ހިތްޖެހި އޭނާގެ ދިރިއުޅުމަށް އައިސް، ޖިންނި ބޭނުންވީ އާއިޝާއާ އެކު ޒަވާޖީ ހަޔާތެއް ފަށައި ލޯބިން އުޅޭށެވެ.

އެހެންނަމަވެސް މިހުރިހާ ކަމެއް ހިނގީ ވެސް އާއިޝާއަށް ރޭކާލުމެއް ނެތި އެވެ. އެ ހާދިސާއިން އަރައިގަނެވުނު ނަމަވެސް އޭގެ އަސަރު މަދުންނަމަވެސް އާއިޝާއަށް ހުވަފެނުން ކުރެ އެވެ.